އިންސާނާގެ މޫނަަކީ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ބޮޑުބައެއް ބުނެދޭ ބައެކެވެ. މޫނުމަތީގެ ކޮންމެ ބަދަލެއް ވެސް ސިއްހަތާ ބެހޭ ގޮތުން ކަމެއް ބުނެދެ އެވެ.
މި ލިޔުމުގައި މި ބާލާލަނީ އިންސާނާގެ މޫނުމަތިން ފެންނަ ސިއްޙީ ބަލިތަކުގެ ނިޝާންތަކަށެވެ.
މޫނު އެއްވަރު ނުވުން
މިއީ ސްޓްރޯކެއް ޖެހުމުގެ ކުރިން އެންމެ ފުރަތަމަ ފެންނަ ނިޝާނަކަށް ވެސް ވެދާނެ އެވެ. ގިނަ ފަހަރު ސްޓްރޯކެއް ޖެހުމުގެ ކުރިން ލޯގަނޑަށް ބެލުމުން މޫނުގައި ތަފާތު ކަމެއްވާކަން ފާހަގަކުރެވެ އެވެ. ހަމައެއާއެކު މޫނުގެ އެއްފަޅި އައްސިވުމާއި ފުރިހަމައަށް ހިނިތުންވުމަށް އުނދަގޫވެގެންދެ އެވެ. ނުވަތަ ވާހަކަ ދެއްކުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހެ އެވެ.
ތުންފަތާއި ހަންގަނޑު ހިކުން
ތުންފަތް ހިކުމާއި ފަޅައިގެން ދިއުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެއް ކަމަށްވާއިރު މިއީ ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބުމުން ދިމާވާ ކަމެކެވެ. މީގެ އިތުރުން މިއީ ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި މަދުވުމުން ދިމާވާ ހައިޕޮތައިރޮއިޑިޒަމް ނުވަތަ ހަކުރު ބަލީގެ އަލާމާތަކަށްވުން ވެސް އެކަށީގެންވާ ކަމެވެ.
މޫނުމަތީގައި އިސްތަށި ފެޅުން ގިނަވުން
މޫނު މަތީގައި, ހާއްސަކޮށް ދަތްދޮޅީގައާއި ކޮލުގައި އަދި މަތީ ތުންފަތް ކައިރީގައި މާގިނައިން އިސްތަށި ފެޅުމަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުރުމުގެ އަލާމާތަކަށް ވެސް ވެދާނެ އެވެ.
ލޯ ކައިރި ކަޅުވުން އަދި ފުފުން
ހަމުގެ މާހިރުން ވިދާޅުވާ ގޮތުގައި ލޮލުގެ ދަށުގައިވާ ނާޒުކު ހަންގަނޑު ފުއްޕުމަށާއި ގަދަ ދަނބު ނޫ ކުލައެއް ލޮލުން ފެނިގެންދިއުމަކީ ކްރޮނިކް އެލާޖީސްގެ ހުރުމުގެ އިޝާރާތަކަށް ވެދާނެ އެވެ. މީގެ އިތުރުން އެއީ ހައިޕޮތައިރޮއިޑިޒްމް އާއި ސްލީޕް އެޕްނިއާގެ އަލާމާތަކަށްވުން ވެސް އެކަށީގެންވެ އެވެ.
ހަންގަނޑުގެ ކުލަ ބަދަލުވުން
ހަންގަނޑު ހުދުވުމަކީ އެނީމިއާ ހުރުމުގެ ނިޝާނެއް ކަމަށް އަދި ރީނދޫވުމަކީ ފުރަމޭގެ ބައްޔެއް ހުރުމުގެ އަލާމާތެއް ކަމުގައިވުން އެކަށީގެންވެ އެވެ. ތުންފަތާއި ނިޔަފަތީގައި ނޫކުލަ ފާހަގަވުމަކީ ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔެއް ހުންނަކަމުގެ އިޝާރާތަކަށް ވެދާނެ އެވެ.
އިސްތަށި ފޭބުން
އެސްފިޔައާއި ބުމައިގެ އިސްތަށި ފޭބުމަކީ ހަށިގަނޑުގައިވާ ހެއާ ފޮލިކަލްސްއަށް ހަމަލާދޭ ބައްޔެއް ކަމަށްވާ އެލޮޕީޝީއާ އެރިއާޓާ ހުރުމުގެ އިޝާރާތަކަށް ވުން އެކަށީގެންވެ އެވެ.