ރާއްޖޭގައި ނެރޭ ބޮޑު ކޮންމެ ނޫހެއް ވެސް ހުޅުވައިލާއިރަށް އެންމެ ބޮޑަށް ލޮލުގައި އަޅާގޮތަށް އޮންނަނީ ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ އިޝްތިހާރެކެވެ. "ކުޑަ ތެޔޮ ކޮޅަކުން މެކުހަށް" ލިޔެފައިވާ އެ އިޝްތިހާރުގައިވާ "ތެޔޮކޮޅަކީ" ދިވެހި ބަހުގައި ކޮޅު ބޭނުންކުރަމުން އަންނަ ރަނގަޅު ހަމައިން ބޭނުން ކުރެވިފައި އޮތް ބަހެއް ނޫނެވެ.

ތެލަކީ އެތިއެތި ކޮޅަށް ހުންނަ އެއްޗެއް ނޫނެވެ. ދިޔާ ތަކެެއްޗަށް ކިޔައި އުޅެނީ ފޮދެވެ. މަގުމަތީގައި ދޭދޭ މީހުން ވާހަކަ ދައްކާއިރު ދައްކާ ވާހަކާގައި ކުށް ހުރެދާނެ އެވެ. އެހެން ނަމަވެސް ނޫސް މަޖައްލާތަކާއި ޓީވީ އާއި ރޭޑިއޯ ޚަބަރުތަކުގައި އެފަދަ ކުށް ހުންނަން ފަށައިފި ނަމަ އެއީ ކުޑަކަމަކަށް ނުވާނެ އެވެ.

އެމްޓީސީސީ އިން ހަދާފައިވާ އެ އިޝްތިހާރަށް ބަލާއިރު އެކުންފުނިން އެ އިޝްތިހާރު މޮޅަށް ހެދުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީފައި ހުރި ކަމަށް ފެނެ އެވެ. މީހުންގެ ޝައުގުވެރިކަން ދަމައިގަނެވޭ ފަދަ މޮޅަށް ޑިޒައިންކުރުމަށް މަސައްކަތްކޮށްފައިވެ އެވެ. އެކަމަށް ޚަރަދު ވެސް ހިނގާނެ އެވެ. އެކަމަކު އެ އިޝްތިހާރުގައި ނުކުރެވި ހުރި ކަމަކީ ބަހުގެ ކުށް ފިލުވާލައި ލިޔެވިފައި އޮތީ ރަނގަޅަށްތޯ ބަލައިލުމެވެ. އެކަމަށް ޚަރަދުކުރަން ވިސްނުމެވެ.

އެމްޓީސީސީގެ ވާހަކަ ދައްކާއިރު މި ދެކެވެނީ އިޝްތިހާރެއްގެ ވާހަކަ އެވެ. އެކަމަކު ސަރުކާރުގެ ރަސްމީ ލިޔެކިއުންތައް ވެސް ހަމައެފަދަ ދަށު ދަރަޖައަކަށް ވެއްޓިފައިވާ ތަން ފެންނަން ފަށައިފި އެވެ.

އާރްޓީއެލް ބަހަށް ކާޑު ބޭނުންކޮށްގެން އެމްޓީސީސީގެ ސީއީއޯ އާދަމް އަޒިމް ފައިސާ ދައްކަވަނީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދެން ޖެހެނީ އޮންލައިންކޮށެވެ. އެކަމަށް ވަރަށް ފުރިހަމަ ވެބްސައިޓެއް ކަމާބެހޭ އިދާރާ އިން ހަދާފައި އެބަހުއްޓެވެ. ވެބްސައިޓަށް ވަދެ ބަލާލާއިރު ފެންނަނީ ކާޑުތައް "އިންނަ" ތަނެވެ. "ހުރުން"، "އިނުން"، "އޮތުން"، ދިވެހި ބަހުން ބޭނުން ކުރަމުން އަންނަ ރީތި ގޮތް އޮޅުވާލައިގެން ވާހަކަދައްކާ އަޑު ވަރަށް އާންމުކޮށް އިވޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު އެއީ ގަވާއިދާއި ހަމަ ބަދަލުވުމެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ރަސްމީ ލިއުންތަކުގައި މިބާވަތުގެ ކުށްތައް ހުރުމަކީ ކަންބޮޑު ވާންޖެހޭ ކަމެކެވެ. އެމްޓީޓީސީސީގެ ތެޔޮ "ކޮޅު" ފަދައިން ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ޕާސްވޯޑް "އިނދެފައި" ލޮގިންވާނެ ގޮތް "އިނދެފައި" ދެން ވެސް ހިތަށްއެރި ހުރިހާ އެއްޗެއް އިންނަ ގޮތަށް އޮވެގެން ނުވާނެ އެވެ.

ސަރުކާރުގެ ލިޔެކިއުންތަކުގެ ވާހަކަދައްކާއިރު ދިވެހިރާއްޖޭގެ ފައިސާގެ ނޫޓަށް އެންމެ ފަހުން އިތުރުކުރި ފަސް ސަތޭކަ ރުފިޔާގެ ނޫޓަށް ވެސް ރަސްމީ އިދާރާއަކުން އެވަނީ ބޮޑު ކުށެއް ލިޔެގެން އޮޅުން ބޮޅުން ގަނޑެއް އުފައްދައިފަ އެވެ.

ރަސްމީ ނޫނަސް ގާނޫނީ ދާއިރާގެ މުހިންމު ލިއުންތަކެއް ޝާއިއުކުރާ ގާނޫނީ ދާއިރާގެ ވެބްސައިޓެއްގައި ލިޔާ ލިއުމުގައި ދިވެހި އަކުރުތަކުގެ ތެރޭގައި ހިމެނޭ "ޝ" ނުލިޔާ ކަމަށް ފެނެ އެވެ. "ޝ"ގެ ބަދަލުގައި އެ ލިއުންތަކުގައި ބޭނުން ކޮށްފައި އޮންނަނީ "ށ" އެވެ. އެހެންކަމުން މަޝްވަރާ ލިޔަން ޖެހޭ ތަނުގައި މަށްވަރާ ލިޔެފައި އޮތުމުން އާދައިގެ ދިވެހިންނަށް އެ ބަސް ކިޔޭ ގޮތާއި މާނަ ވެސް ތަފާތު ވާނެ އެވެ. ލިޔެކިޔުމަކީ ކިތަންމެ މަތީ ފާހެއް ނަގައިގެން ހުރި މީހަކު ކަމަށް ވިޔަސް އޭގެ ހަމަތަކަކީ އަމިއްލަ އަތްމައްޗަށް ނަގައިގެން ބޭނުން ގޮތަކަށް އަމަލުކުރަން ހުންނަ އެއްޗެއް ނޫނެވެ.

ސަރުކާރު ލިޔުންތަކާއި އާންމު މައުލޫމާތު ފަތުރައިދޭ ވެބްސައިޓްތަކުގެ އިތުރުން މިޒަމާނުގައި ކޮންމެ މީހަކީ ވެސް އެމީހެއްގެ ޚިޔާލު އަމިއްލަ އަތުން ލިޔެ ސޯޝަލް މީޑިއާގައި ޝާއިއުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. ފޭސްބުކް ފަދަ ވަސީލަތްތަކުގައި މި ދުވަސްކޮޅު އެންމެ ގިނައީ އެމީހަކު ތާއީދުކުރާ ޕާޓީއަކަށް ކެމްޕޭނުކުރުމަށް ލިޔާ ލިއުންތަކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑުއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އެ މަނިކުފާނަށް ސ. މީދޫން މަރުހަބާ ދަންނަވަނީ. ފޮޓޯ: އެމްޑީޕީ

ސޯޝަލް މީޑިއާގައި ލިޔާ ލިއުންތަކަކީ އަދަބީ ގޮތުން މާ ފެންވަރު ރަނގަޅު ލިއުންތަކަކަށް ވާން ނުޖެހެ އެވެ. އެހެން ނަމަވެސް އެ ލިޔުންތައް ވެސް ކުށްނުލައި ލިޔެވޭތޯ ބަލަންޖެހެ އެވެ. މި ދުވަސްކޮޅު ސިޔާސީ ގޮތުން ލިޔާ ބައެއް ޕޯސްޓުތަކަށް ބަލާއިރު ސުކުންކުރުން ފަދަ ކުދި ކުދި ގަވައިދުތައް ބޮއްސުންލާފައި ހުރުން މާބޮޑު މައްސަލައަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް ބައެއް ލިޔުންތައް ޕެރެގްރާފަކަށް ދިގުދެމިގެންދާއިރު ދެ ލަފުޒު ދޭތެރޭގައި އެންމެ ހުސް ތަންކޮޅެއް ނެތިދާ ތަން ވެސް އެބަފެނެ އެވެ.

ސޯޝަލް މީޑިއާގައި އެފަދަ ލިއުންތައް ލިޔާ މީހުން ދެން ގޮސް އަރަނީ ސިޔާސީ ޕޯޑިއަމްތަކަށެވެ. އިހު ޒަމާނުގައި ދޭދޭ ގޭގެ މީހުން ޒުވާބުކުރާއިރު ހަޅޭލަވާ ބީދައިން ޕޯޑިއަމްގައި "ހަޅޭއް" ލެވުމުން ސަޕޯޓަރުންގެ ތަރުހީބު ލިބެ އެވެ. އެ ލިބޭ ތަރުހީބުގައި ކުރިމަތިލަނީ މެންބަރު ކަމަށެވެ. އެފަދަ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ދައްކަވާ ވާހަކަފުޅު އާއިލާއާއެކު ތިބެ ޓީވީތަކުން ބަލަން ނުކެރޭ ފެންވަރަށް ވެއްޓެނީ ސަބަބުތަކެއް އޮތީމަ އެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ކޮށްދެއްވާނެ ކަމަށް ކެންޑިޑޭޓުން ވެވަޑައިގަންނަވާ ބޮޑެތި ވައުދުތައް ހުއްޓަވާލެއްވުމަށްފަހު ވައުދުވެވަޑައިގަންނަވަން ޖެހެނީ ގައުމަށް ލިޔެކިޔަން ދަސްކޮށް ދިނުމަށެވެ. އޭރުން ގިނަ މައްސަލަތަކެއް ހައްލުވެދާނެ ކަމަށް ފެނެ އެވެ.