އޮކްޓޫބަރު 2023 ގައި މީރާއަށް 2.01 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %61.3 އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %29.7 ގިނަ އަދަދެކެވެ.
މީރާއިން ބުނިގޮތުގައި އޮކްޓޫބަރު 2022 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު އޮކްޓޫބަރު 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ ސަބަބަކީ ޖީއެސްޓީ، އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާ އަށް ފަސްވުން ކަމަށް މީރާއިން ބުންޏެވެ. އަދި، ސެޕްޓެންބަރު 2022 އާއި އަޅައިބަލާއިރު ސެޕްޓެންބަރު 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 16.9% އަށް އިތުރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.
އޮކްޓޫބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓެކުހުގެ މުހިންމު ސުންގަޑި ހަމަވާ ދުވަހެއް، ރިޔާސީ އިންތިޚާބާ ގުޅިގެން ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން، މި ސުންގަޑި އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުން ކަމަށް މީރާއިން ބުންޏެވެ.
އޮކްޓޫބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. އެއީ 65.74% ނުވަތަ 1.32 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 8.02% ނުވަތަ 161.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 152.82މިލިއަން ރުފިޔާ (7.59%)، ގްރީން ޓެކުހުގެ ގޮތުގައި 92.56 މިލިއަން ރުފިޔާ (4.60%)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.19މިލިއަން ރުފިޔާ (3.83%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.72މިލިއަން ރުފިޔާ (%10.22) ލިބިފައިވެއެވެ.
އޮކްޓޫބަރު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.