އަނގައިގެ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓުމުގައި ހިރުގަނޑުގެ ދައުރު ވަރަށް ބޮޑެވެ. ސިއްހަތު ރަނގަޅު ހިރުގަނޑެއް ލިބުމަކީ އަނގައިގެ އާއްމު ސިއްހަތު އެތައް ގުނައެއް ރަނގަޅުވާ ކަމެކެވެ.
ހިރުގަނޑަށް ރަނގަޅަށް ނުބެލޭނަމަ ލޭ އައުމާއި ދުޅަވުން ފަދަ ކަންކަން މެދުވެރިވެ އެވެ. ނަތީޖާއަކަށްވަނީ އަނގައިގެ އެހެން ބަލިތަކަށް މަގުފަހިވުމެވެ. އެހެން ކަމުން ހިރުގަނޑުގެ ސިއްހަތަށް ފަރުވާތެރިވާން ޖެހެ އެވެ.
ދަތާއި ހިރުގަނޑާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ހިރުގަނޑުގެ ސިއްހަތަށްޓަކައި ވިޓަމިން ސީ އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން އިތުރުކުރަން ޖެހެ އެވެ.
އޭގެ ތެރޭގައި ހުތް މޭވާ ފަދަ ތަކެތި ހިމެނެ އެވެ. އޮރެންޖާއި ލުނބޯ ފަދަ ބާވަތްތެކެވެ. އަދި ކްރެންބެރީއަކީ ވެސް ހިރުގަނޑާ ވަރަށް ރައްޓެހި މޭވާ އެކެވެ.
މީގެ އިތުރުން އެޕްރިކޮޓަކީ ވެސް ހިރުގަނޑުގެ ދުޅަހެޔޮ ކަމަށް ވަރަށް ފައްކާ މޭވާއެކެވެ. ގިނައިން އެޕްރިކޮޓް ކާނަމަ ހިރުގަނޑުގެ ސިއްހަތު ރަނގަޅުވެ ބަލިތަކުން ދުރުވެ އެވެ.
ހަމަ މިއާއެކު ކެރެޓާއި ސްޕިނެޗަކީ ވެސް ނުކައި ދޫކޮށްލާ ވަރުގެ ބާވަތްތަކެއް ނޫނެވެ. މިއީ ހަމަ ހިރުގަނޑުގެ އެކުވެރީން ކަމުގައި ބުނެވިދާނެ އެވެ.
ތަރުކާރީގެ ބާވަތްތައް ރޮލަށް ކާ ނަމަ އެއީ ހިރުގަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.
ތަރުކާރީގެ އިތުރުން ގަވާއިދުން ކިރު ބުއިމަކީ ވެސް ހިރުގަނޑުގެ ބާރު ގަދަކޮށްދީ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. އެހެން ކަމުން މި ބާވަތްތައް ކެއުމުގައި ހިމަނަންވާނެ އެވެ.