ހުދު ސާފު ދަތްތަކަކީ އެންމެން ވެސް ބޭނުންވާނެ އެއްޗެކެވެ. ހަމައެކަނި ހެނދުނާއި ހަވީރު ދަތް އުނގުޅުމަކީ މިކަން ހާސިލް ކުރަން ފުދޭ ކަމެއް ނޫނެވެ. އޭގެ އިތުުުރުން ވެސް ކުރަން ޖެހޭ ކަންކަން ހުރެ އެވެ.
ހަކުރުގެ ބާވަތްތައް ކެއުން މަދުކުރުން
ހަކުރު ގިނައިން އެކުލެވޭ ބާވަތްތައް ބޭނުންކުރާނަމަ އަނގައިގައި ހުންނަ ބެކްޓީރިއާތައް އެ ހަކުރު ބޭނުންކޮށްގެން ދަތްތަކުގެ މަތީގައިވާ ހަރު ފަށަލައަށް ގެއްލުން ދިނުމަށް އެސިޑެއް އުފައްދަ އެވެ. މިއީ ދަތްފަނި ކެއުމަށް މަގުފަހިވާ ގޮތެވެ. ހަކުރުގެ ބާވަތްތައް ކެއިން ބުއިމުގައި ހިމަނާ މިންވަރު އިތުރުވާ ވަރަކަށް ދަތްތަކުގައި ކޮބަޑިޖަހާ މިންވަރު ވެސް އިތުރުވެ އެވެ.
ފްލޮސް ކުރުން
ފްލޮސް ކުރުމުން ދަތް އުނގުޅާއިރު ބުރުސް ނުފޯރާ ހިސާބުތަކުގައި ހުންނަ ހަޑިތައް ފިލުވާލަދެ އެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ފްލޮސް ކުރުން މުހިއްމެވެ. ރަނގަޅަށް ފްލޮސް ކުރުމަށް ފްލޮސް ކުރަން ގެންގުޅޭ ރޮދިކޮޅުގެ ނިމޭކޮޅު އެއް އިނގިއްޔަށް އޮޅާލާށެވެ. އަދި ހުރިހާ ދަތެއްގެ ދޭތެރޭގައި އެ ރޮދިކޮޅު ހާކާ ސާފު ކުރަމުން ގެންދާށެވެ.
ރަނގަޅު ބުރުހެއް ބޭނުންކުރުން
ނުގުޅޭ ބުރުހެއް ބޭނުންކޮށްގެން ދަތް އުނގުޅާނަމަ ދަތުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ އެވެ. ބުރުހުގެ ދަތްއުނގުޅާ ބައި ހުރީ މަޑުކޮށް އަދި ވައްކޮށްތޯ ބަލާށެވެ. އަދި ކޮންމެ ތިން މަހަކުން ތިންމަހަކުން އާ ބުރުހެއް ހޯދުން މުހިންމެވެ. ތިންމަހުން ތިންމަހުން ބުރުސް ބަދަލު ކުރުމުގެ އިތުރުން އެހެން މީހަކު ބޭނުންކުރާ ބުރުހެއް ބޭނުން ނުކުރާށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
ސިނގިރޭޓް ބުއިން ހުއްޓާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ކުރިއަށް ގެންދިއުމަކީ އަނގައިގެ ސިއްހަތަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ދުންފަތުން ދަތުގެ ބަލިތަކަށް މަގުފަހިކުރުވަ އެވެ. ދަތްފަނިކެއުމާއި ހިރުގަނޑުގެ މައްސަލަތައް ދިމާވުމުގެ ސަބަބަކަށްވެސް ދުންފަތުގެ އިސްތިއުމާލު ކުރުންވެ އެވެ.