ރައްޔިތުންގެ މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން އާންމު ކޮމެޓީން އިއްޔެ ފާސްކޮށްފި އެވެ.

ނަވާރަ ވަނަ މަޖިލިސް ފެށުނު އިރު، އެ މަޖިލިހުގައި ޖުމްލަ 87 މެމްބަރުން ތިއްބެވި އެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް ވަރަށް ގިނަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެއާ އެކު، މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުންގެ އަދަދަކީ 80 އެވެ.

ރައީސާއި ނައިބު ރައީސް މިހާރު މަގާމުން އަޒުލު ކުރެވޭނީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓުންނެވެ.

ނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ، ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ބެލުމަށް އިސްލާހުގައިވެ އެވެ. އެއީ 80 މެމްބަރުންނެވެ.

އަދި މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު އެ ދާއިރާތައް ނުގުނަން ވެސް އިސްލާހުގައިވެ އެވެ.

މި އިސްލާހު މަޖިލިހުގެ ތަޅުމުން ފާސް ކުރަން ޖެހޭ އިރު، އެގޮތަށް ފާސްވެއްޖެ ނަމަ، އެމްޑީޕީ އަށް ރައީސް އާއި ނައިބު ރައީސް އަޒުލު ކުރުމުގެ ބާރު ލިބިގެންވެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 55 މެމްބަރުންނެވެ.

މީގެއިތުރުން ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިން ބައިކުޅަ އެއް ބައި މެމްބަރުން ސަބަބު ބަޔާންކުރައްވައި ސޮއިކުރައްވައި ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ވާނެ އެވެ. އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ އެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު ކަމަށާއި އެއީ ރައީސް އާއި ނައިިބު ރައީސްއަށް ދިފާއުވާން ދޭ 30 މިނެޓު އުނިކުރުމަށް ފަހު ކަމަށް އިސްލާހުގައިވެ އެވެ.

އާ އިސްލާހުތައް މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، 27 މެމްބަރުންގެ ސޮޔާއެކު ރައީސް އާއި ނައިބު ރައީސް ވަކިކުރަން ހުށަހެޅިދާނެ އެވެ.