ފެން ހިއްކަން ބޭނުންކުރާ ތުވާލިން ނުބައިވަސް ދުވުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. އަދި މިއީ ހަމުގެ ކެންސަރު ޖެހުމަށްވެސް މަގުފަހިވާ ކަމެކެވެ. ތުވާއްޔަކީ ކޮންމެ ދުވަހަކު ދޮވެވޭ އެއްޗަކަށް ނުވާތީ ތުވާލި ރަނގަޅަށް އަވީލައި ހިއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ބައެއް ފަހަރު އަވީލާ ހިއްކި ނަމަވެސް ތުވާލިން ވަސްދުވަ އެވެ. އެހެން ކަމުން މި ލިޔުމުގައި ތުވާލިން ނުބައިވަސް ދުވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަށް ބަލައިލާނަމެވެ.
އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ތުވާލި ތެތްކޮށް މާގިނައިރު ނުބޭއްވުމެވެ. އަވިން ނުވަތަ މެޝިނަށްލައިގެން ވެސް ތުވާލި ވީހާވެސް ބޮޑަކަށް ހިއްކުން މުހިއްމެވެ. މިއީ ތުވާލި ސާފުކޮށް އަދި ނުބައި ވަސް ދުވިޔަ ނުދިނުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ.
ތުވާލި ދޮންނަން ބޭނުން ނުވި ނަމަވެސް ތުވާލިން ނުބައި ވަސް ދުވާނަމަ، މެޝިނަށް ތުވާލި ލުމަށްފަހު ވިނެގާ އަޅައިގެން ދޮވެލާށެވެ. މި ގޮތަށް ދޮވެލާއިރު އެއްވެސް އޯމޯއެއް ނުވަތަ ސޮފްޓްނަރ އެއް ބޭނުން ނުކުރާށެވެ. ހަމަ އެކަނި ވައިޓް ވިނެގާ ފުދޭނެ އެވެ. އަދި މެޝިނަށް ލާނީ ހަމަ އެކަނި ތުވާއްޔެވެ.
ތިން ވަނަ ކަމަކަށް ތުވާލިން މާ ބޮޑަސް ވަސް ދުވާކަމަށް ވާނަމަ ތުވާލި މެޝިނަށް ލުމަށް ފަހު ބޭކިން ސޯޑާ އަޅައިގެން ދޮވެލާށެވެ. މެޝިންގެ ފިނިހޫނުމިން ބަހައްޓަން ވާނީ ހޫނު ކޮށެވެ. އޭރުން ތުވާލީގައި ހުރި ބެކްޓީރިއާތައް މަރުވެ ނުބައި ވަސް ފިލާނެ އެވެ. އެއަށް ފަހު އަނެއްކާވެސް އެއް ފަހަރު ވިނެގާ އެޅުމަށްފަހު ތުވާލި ދޮވެލާށެވެ.
މި ގޮތުގެ މަތިން ތި ނުބައި ވަސް ދުވާ ތުވާލީގެ ވަސް ފިލުވާލަދޭނެ އެވެ.