މިދޔަ އަހަރު ރިލީޒް ކުރެވުނު "ގަދަރް 2"އަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި 2023 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

އެ ފިލްމަށް ހަމައެކަނި އިންޑިއާއިން ވެސް 500 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު ގިނަ ބަޔަކު ވަނީ އެ ފިލްމަށް ތައުރީފް ކޮށްފަ އެވެ.

"ގަދަރް 2"އަށް ލިބުނު ބޮޑު ކާމިޔާބާއެކު އެ ފިލްމުގެ ތިންވަނަ ބަޔަކަށް ވެސް މީހުން އަންނަނީ މިހާރު އިންތިޒާރު ކުރަމުންނެވެ.

އެފަދަ ފަރާތްތަކަށް އޮތީ އުފާވެރި ހަބަރެކެވެ. އެ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާ މިހާރު ވަނީ "ގަދަރް 3" އަންނަން އުޅޭކަން ކަށަވަރު ކޮށްދީފަ އެވެ.

އަނިލް ބުނީ ގަދަރް 3ގެ އެންމެ ފުރަތަމަ ސްކްރިޕްޓް ފައިނަލް ކުރެވިފައިވާ ކަމަށާއި 2025 ވަނަ އަހަރު އެ ފިލްމުގެ ޝޫޓިން ފެށޭވަރު ވާނެ ކަމަށެވެ.

ގަދަރު 3 އަންނާނެކަން ޔަގީންވި ނަމަވެސް ފިލްމުގެ ތިންވަނަ ބައިންވެސް ފެންނާނީ ފުރަތަމަ ދެބައިން ވެސް ފެނުނު ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް ކަމެއް ޔަގީނެއް ނޫނެވެ.