ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނާ ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީ އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުރީގެ ރައީސް ސޯލިހު ބައްދަލުކުރައްވާފައި ވަނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކޮށް އިންތިޚާބުވި މެންބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިބި ފަރާތްތަކާ ކަމަށެވެ.

މި ބައްދަލުވުމުގައި ދެއްކި ވާހަކަތަކުގެ ތަފްސީލެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ އެޕްރީލް މަހު 21 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވަނީ 12 ގޮނޑި ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަށް އިންތިހާބުވި މެންބަރުން މި މަހުގެ 28 ވަނަ ދުވަހު ހުވާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް ރަނގަޅު ކާމިޔާބެއް ލިބޭ ގޮތް ވެފައި ނުވާތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، ނިމިދިޔަ މަޖިލިސް އިންތިޚާބުން ބަލިވި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.