އިންޑިއާގެ އުތުރުގެ ހިސާބުތަކަށް އާދަޔާޚިލާފަށް ހޫނުގަދަވެ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ އެތައް ބަޔަކު މަރުވެފައި.

ނިއު ދިއްލީ (މެއި 31) - އިންޑިއާގެ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް މިދުވަސްވަރު އާދަޔާޚިލާފަށް ހޫނުގަދަވެ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެތައް ބަޔަކު މަރުވެއްޖެ އެވެ.

އޮޑިޝާގެ ރޫކެލާ ސަރަހައްދުން އިއްޔެ އެކަނި ވެސް ވަނީ ގަދަހޫނުގެ ސަބަބުން 15 މީހުން މަރުވެފަ އެވެ. ބިހާރު، ރާޖަސްތާން އަދި ވެރި ރަށް ދިއްލީން ވަނީ ހީޓް ސްޓްރޯކް ޖެހިގެން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އިންޑިއާގެ އުތުރުގެ ހިސާބުތަކަށް މިހާ ހޫނުގަދަވެފައިވާ އިރު މި ދުވަސްވަރު އެ ގައުމުގައި ދަނީ އާއްމު އިންތިޚާބު ވެސް ބާއްވަމުންނެވެ. އިންތިޚާބުގެ ނަތީޖާ ޖޫން 4 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ބިހާރުގެ ބޯޖްޕޫރު އަވަށުގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިއާ ނޫހަށް ބުނީ ހީޓް ސްޓްރޯކެއް ޖެހިގެން، އެ އަވަށުން ބުރާސްފަތި ދުވަހު، އިންތިޚާބާ ގުޅޭ މަސައްކަތުގައި އުޅުނު ތިން މީހުންނާއި ފުލުހަކު މަރުވެފައިވާ ކަމަށެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ހެޔަށް ގޮތްވެގެން 30-40 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު އިންޑިއާގެ އުތުރާއި މެދުތެރޭގެ ހިސާބުތަކުގައި ފިނިހޫނުމިން އެވްރެޖްކޮށް ހުރީ 45 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ. އިންޑިއާގެ ވެރިރަށް ދިއްލީގެ މަންގެސްޕޫރު ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ވަނީ 52.3 ޑިގްރީ ސެލްސިއަސް އަށް ހޫނު މައްޗަށް ޖެހިފަ އެވެ. މިއީ އިންޑިއާގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ފިނިހޫނު މިނެވެ. އިންޑިއާގެ 37 ސިޓީއަކުން މި ހަފުތާގައި ވަނީ 45 ޑިގްރީ އަށް ވުރެ މައްޗަށް ފިނިހޫނުމިން އަރައިގެން ރެކޯޑް ކޮށްފަ އެވެ.

އަނެެއްކޮޅުން އިންޑިއާގެ ދެކުނުގެ ހިސާބުތަކަށް މިދުވަސްވަރު ދަނީ ގަދަޔަށް ވިއްސާރަ ކުރަމުންނެވެ. ދިވެހިން އާއްމުކޮށް ގޮސް އުޅޭ ކެރަލާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ވޭތުވެދިޔަ ދެ ދުވަހު ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފަ އެވެ.