ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ) ހުންނަ ދަރުބާރުގޭގައި މަސައްކަތްކުރާ ޓީމްގެ ހަ މެމްބަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދަރުބާރުގޭގައި މަސައްކަތްކުރާ ޓީމުގެ ހަ މެމްބަރަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 29 މީހަކު ފާހަގަކުރެވި، ކަރަންޓީން ކުރެވިފައިވާ ކަމަށް ނާސިރު ވިދާޅުވި އެވެ.

"އެ ފަރާތްތައް މިހާރު ވަނީ ކަރަންޓީން ކޮށްފައި. އަދި ދަރުބާރުގޭ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން އިއްޔެ ދެ މީހަކު މަރުވެފައިވެ އެވެ. އެއީ، އުމުރުން 63 އަހަރުގެ މީހަކާއި، އުމުރުން 67 އަހަރުގެ ފިރިހެނަކު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގައި އިއްޔެ އިތުރު 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ.

ފަހަކަށް އައިސް، އަތޮޅުތެރެއިން މީހުން ޕޮޒިޓިވްވާ މިންވަރުވަނީ އިތުރުވެފަ އެވެ. މިގޮތުން އިއްޔެ ފުވައްމުލަކުން 4، ގުރައިދޫން 8، ކޮޅުފުށިން 1، ރަސްގަތީމުން 3، ހދ. ހަނިމާދޫން 1 މީހަކު، އަދި މާފުށިން 4 މީހުންގެ އިތުރުން އދ. ދިގުރަށުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.