ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ހިނގި އެ ހާދިސާގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވީ އެ ރަށު ދޫނިހުރާ، ހުސެއިން އަތީގު އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، މިމަހުގެ 25 ވަނަ ދުވަހު މާލޭ ގެނެސް ފަރުވާދެމުންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އޭނާ މަރުވީ މިއަދު މެންދުރެއްހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން އޭނާގެ ސިކުނޑި އާއި ކިޑްނީއަށް ވެސް އޮތީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށްވެ އެވެ.

އެ ހާދިސާ ހިނގީ އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށެވެ.

އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެ ކުދިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.