ރ. އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓްގައި ޖެހި ހާލު ސީރިއަސް ވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ފަރުވާދެމުންދަނީ 8 އަހަރާއި 18 އަހަރުގެ ފިރެހެން ކުއްޖަކަށާއި އަދި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. މީގެ ތެރެއިން 18 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ކުޑަ ދެކުދިންގެ ހާލު މިހާރު ސްޓޭބަލް އެވެ.

އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި. ފޮޓޯ: އުނގޫފާރު ޑޮކްޓްކޮމް

މިއަދު މެންދުރު މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތީގައި ހުރި މަގު ބައްތިތަކުން، މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓް ލީކުވެގެން ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.

މިހާދިސާގައި ފުރަތަމަ ކަރަންޓް ޖެހުނީ 8 އަހަރުގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ސަލާމަތްކުރަން އުޅުނު 18 އަހަރުގެ ކުއްޖަކު ވެސް ވަނީ ކަރަންޓުގައި ޖެހިފަ އެވެ. މީގެ އިތުރުން އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް ވެ އެވެ.