މިއުނިކް (20 ޖޫން) – މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ސާބިއާގެ ފޯވަޑް ލޫކަ ޖޮވިޗް ޖެހި ލަނޑާއެކު، ޔޫރޯގެ ގުރޫޕް ބީގައި މިރޭ ސާބިއާ އާއި ސްލޮވީނިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާއެކު، ސާބިއާ އިން ވަނީ ގަދަ 16ގެ ބުރުގެ އުންމީދު ދަމަހައްޓައިފަ އެވެ. ޔޫރޯގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމުގެ އުންމީދުގައި ތިބި ސްލޮވީނިއާއަށް މި މެޗުން ލިބުނު ޕޮއިންޓާއެކު، ގަދަ 16ގެ އުންމީދު އެބައޮތެވެ.

މެޗުގައި ސްލޮވީނިއާ އިން ލީޑު ނެގީ ޒަން ޒަރްނިޗްނިކް ޖެހި ލަނޑުންނެވެ.

މި ލަނޑު ޖެހުމުގެ ކުރިން ސާބިއާގެ ފޯވަޑް އެލެކްޒަންޑާ މިޓްރޮވިޗަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރުވެފަ އެވެ.

ސްލޮވީނިއާ މާޔޫސްކޮށްލުމަށްފަހު، ސާބިއާގެ ޖޮވިޗް ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަހު މިނިޓުގަ އެވެ. ސާބިއާއަށް ލިބުނު ކޯނަރަކުން ސްލޮވީނިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ރެއާލް މެޑްރިޑާއި އޭސީ މިލާންގެ ކުރީގެ ފޯވަޑް ޖޮވިޗް ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.