ރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން، މިކަމާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހުގައިވާ މަޢުލޫމާތުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީ.ޔޫ. – އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ އެވެ.

އެގޮތުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެ އެވެ.