ބާލިން (29 ޖޫން) – ޔޫރޯގެ ގަދަ 16ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަތުން 2-0 އިން މޮޅުވެ، ސްވިޓްޒަލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެޗުގެ ބޮޑުބައިގައި ގިނައިރު ބޯޅަ ގެންގުޅެ، ރަނގަޅު ކުޅުމެއް ދެއްކި ސްވިޓްޒަލޭންޑްއިން ލީޑު ނެގީ މެޗުގެ ރެމޯ ފްރެއުލާ ޖެހި ލަނޑުންނެވެ. ރުބެން ވާގަސް އިޓަލީގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކޮންޓުރޯލްކޮށްލުމަށްފަހު، ގޯލުގެ ތިރީ ކަނަށް ފްރެއުލާ އެ ބޯޅަ އަމާޒުކޮށްލިއިރު، އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.
ދެވަނަ ހާފު ފެށިގެން މިނިޓެއްވެސް ނުވަނީސް ސްވިޓްޒަލޭންޑްއިން ލީޑު ފުޅާކުރީ ވާގަސް ޖެހި ލަނޑުންނެވެ. ޖަރުމަން އޮގްސްބާގަށް ކުޅޭ ވާގަސްއަށް އިޓަލީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
އިޓަލީއަށް ސްވިޓްޒަލޭންޑްގެ ގޯލަށް ހަމަލާއެއް އަމާޒުކޮށްލެވުނީ މެޗުގެ 73 ވަނަ މިނިޓުގައެވެ. މެޗުގެ ފަހުކޮޅު އިޓަލީގެ ލަނޑެއް ޖެހޭތޯ މަސައްކަތްތަކެއް ކުރިއެވެ. މެޗުގެ ފަހުކޮޅު ސްވިޓްޒަލޭންޑްގެ ޑިފެންޑަރު ފަބިއަން ޝާގެ ބޮލުގައި ޖެހިފައި ގޯލުގެ ދަނޑީގައި ޖެހުނުއިރު، އިޓަލީގެ ފޯވަޑް ޖިއަންލުއީޖީ ސްކާމާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އެވެ.
މުޅި މެޗަށް ބަލާއިރު މިއީ ސްވިޓްޒަލޭންޑަށް ހައްގު މޮޅެކެވެ. އިޓަލީއަށް މުޅި މުބާރާތުގައިވެސް އެ ޓީމުގެ ސަޕޯޓަރުން ގަޔާވަ ފަދަ ކުޅުމެއް ނުދެއްކުނެވެ.
ކުއާޓާ ފައިނަލްގައި ސްވިޓްޒަލޭންޑާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑް ނުވަތަ ސްލޮވާކިއާ އެވެ.