ޖޫން މަހު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް މެއި މަހާ އަޅާ ބަލާއިރު ދަށްވެއްޖެ އެވެ.

ފުލުހުން އާއްމުކޮށްފައިވާ މި އަހަރުގެ ޖޫން މަހުގެ ތަފާސްހިސާބު ދައްކާގޮތުން ޖޫން މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަ އެވެ. އެގޮތުން ވައްކަމުގެ 315 މައްސަލަ އަދި ފޭރުމުގެ 29 މައްސަލަ ހުށަހަޅާފައިވެ އެވެ.

މި އަހަރުގެ މެއި މަހު ފުލުހުންނަށް ވައްކަމުގެ 335 މައްސަލަ ހުށަހަޅާފައި ވާއިރު ފޭރުމުގެ 50 މައްސަލަ ހުށަހަޅާފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވުމަކީ ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

ޖޫން މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 212 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ މައްސަލަތައް ވެސް ހުށަހަޅާފައިވެ އެވެ.