އިޒްރޭލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނި ފަލަސްތީނުގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން ޝަހީދުކޮށްލި ފަސް ނޫސްވެރިންގެ ވަނަވަރު ހާމަކޮށް އެކަން ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ކަށަވަރުކޮށްދީފައިވެ އެވެ. މީގެ ތެރެއިން ތިން ނޫސްވެރިން ޝަހީދުވީ ނުސީރަތު އަށް މިއަދު ދިން ހަމަލާގަ އެވެ. އަނެއް ދެ ނޫސްވެރިން ޝަހީދުވީ ޣައްޒާ ސިޓީގަ އެވެ.

އިޒްރޭލުން ނުސީރަތުގައި ހުންނަ އދ.ގެ ސްކޫލަކަށް ބޮން އަޅައި 13 މީހުން ޝަހީދުކޮށްލާފައި ވާއިރު މި ހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 29 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެ އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 38،098 މީހުން ޝަހީދުވެ 87،705 މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާއިރު، ޣައްޒާގައި އަދިވެސް ބަޔަކު ބަންދުކޮށްފައި ތިބިކަމަށް އިޒްރޭލުން ބުނެ އެވެ.