ޑުސެލްޑޯފް (7 ޖުލައި) – ޔޫރޯގެ ކުއާޓަ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަހައިގެން ސްވިޓްޒަލޭންޑް އަތުން 5-3 އިން މޮޅުވެ، އިންގްލެންޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. ސްވިޓްޒަލޭންޑް އިން ލީޑު ނެގީ މެޗުގެ 75 ވަނަ މިނިޓުގައި ބްރީލް އެމްބޯލޯ ކާމިޔާބުކުރި ލަނޑުންނެވެ.

އެކަމަކު މެޗުގެ 80 ވަނަ މިނިޓުގައި އިންގްލެންޑްގެ ބުކާޔޯ ސާކާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ސާކާ ތިތިރިން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނާދެ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސްވިޓްޒަލޭންޑްގެ ޑިފެންޑަރު މެނުއެލް އަކާންޖީ ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ. ސްވިޓްޒަލޭންޑްގެ ޒެރްދާން ޝަކީރީ އާއި ޒެއިކް އަމްދޫނީ އަދި ފަބިއަން ޝާ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ.

އިންގްލެންޑް މެޗުން މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ޑިފެންޑަރު ޓްރެންޓް އެލެކްޒަންޑާ އާނޯލްޑްއެވެ. އޭގެ ކުރިން އިންގްލެންޑްގެ އައިވަން ޓޯނޭ އާއި ކޯލް ޕާލްމާ އާއި ޖޫޑް ބެލިންގްހަމް އަދި ބުކާޔޯ ސާކާ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ.

ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ނެދަލޭންޑްސް ނުވަތަ ތުރުކީ އެވެ.