ބާލިން (6 ޖުލައި) – ޔޫރޯގެ ކުއާޓާ ފައިނަލްގައި މިރޭ ތުރުކީ އަތުން ފަހަތުންއަރައި 2-1 އިން މޮޅުވެ، ނެދަލޭންޑްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ 20 އަހަރުގެ ތެރޭގައި ނެދަލޭންޑްސް ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑެވެ.
މެޗުގެ 35 ވަނަ މިނިޓުގައި ތުރުކީން ލީޑު ނެގީ ޑިފެންޑަރު ސަމެތު އަކަޔަދީން ޖެހި ލަނޑުންނެވެ. ތުރުކީގެ ޒުވާން މިޑްފީލްޑަރު އަރްދާ ގުލާ ހުރަސްކޮށްލި ބޯޅަ އަކަޔަދީން ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނެދަލޭންޑްސްއަށް ވުރެ ތުރުކީ ރަނގަޅު ކުޅުމެއް ދެއްކިއެވެ. ފުރަތަމަ ހާފުގައި ތުރުކީން ހޯދީ އެ ޓީމަށް ހައްގު ލީޑެކެވެ.
އެހެން ނަމަވެސް ދެވަނަ ހާފުގައި ތަފާތު ދައްކައި، ހަ މިނިޓުގެ ތެރޭގައި ނެދަލޭންޑްސް އިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ނެދަލޭންޑްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ޑިފެންޑަރު ސްޓެފާން ޑި ވްރީޖް ބޮލުން ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ހަ މިނިޓު ފަހުން ނެދަލޭންޑްސްއަށް ލީޑު ލިބުނީ ތުރުކީގެ މާތު މުލްދޫރް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.