ކޮރަޕްޝަންއަށް މަގުފަހިވާ ގޮތަށް އަދި އޭނާ ބައިވެރިވާ ގޮތަށް އެއްވެސް ގޯހެއް ހަދާފައި ނޯންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ވަޖީހުއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެމްޕީއެލް އިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާއަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް އޭސީސީ ގައި އެދިވަޑައިގަތީ ވެސް އަމިއްލަ އަށް ކަމަށެވެ.

އެމްޕީއެލްގެ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރައްވައިގެ އަމިއްލަ ބޭނުންތަކަށް ހަރަދު ކުރުމާއި ކުންފުންޏަށް ވެހިކަލް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

ވަޖީހު ވިދާޅުވީ ވެރިން ކުންފުނީގެ ކްރެޑިޓް ކާޑު ބޭނުންކުރުމަށް އެމްޕީއެލްގައި ހަރުދަނާ އުސޫލެއް ހަދާފައި އޮންނަ ކަމަށާއި އޭގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބޭނުންކުރެވޭނެ އުސޫލެއްވެސް އޮންނަ ކަމަށެވެ.

ވަޖީހު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރެއްގައި ކްރެޑިޓް ކާޑު ބޭނުން ކުރައްވައިގެން އަމިއްލަ ބޭނުމަށް ހަރަދަ ކުރެއްވި ކަމަށް ތުހުމަތު ކުރެވުމުން އަމިއްލަ އަށް އޭސީސީން މައްސަލަ ބެލުމަށް އެދިވަޑައިގެންނެވީ އެކަމުގައި އެއްވެސް ގޯހެއް ހަދާފައި ނޯންނާނެތީ ކަމަށާއި އެމްޕީއެލްގެ ވެރިން ޒަމާނުންސުރެ ދަތުރުތަކުގައި ކްރެޑިޓް ކާޑު ބޭނުން ކުރައްވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސޫލުގައި އޮންނަނީ ދަތުރު ނިމުމުން ކްރެޑިޓް ކާޑުން ހަރަދުކުރި ފައިސާ ރިއެމްބާސް ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

ވަޖީހު އަމިއްލަ ބޭނުމަށް ކުންފުނީގެ ކްރެޑިޓް ކާޑު ބޭނުން ކުރައްވާފައިވާ ކަމަށް ކުރާ ތުހުމަތު ތަކުގައި އޭނާ ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ތަކެއްވެސް މިއަދު މީސްމީޑިއާގައި ވަނީ އާންމުކޮށްފައި އެވެ. އެގޮތުން ތާޖު ރެސްޓޯރަންޓް ހިމެނޭ ގޮތުން އެކި ރެސްޓޯރަންޓް ތަކުން ކެއުމާއި ޓޯއީ އާރް ޔޫއެސް އިން ވިޔަފާރި ކުރުމާއި އެކި ހޮސްޕިޓަލްތަކުން ބޭސްފަރުވާ އަށް ހަރަދު ކުރައްވާފައި ވާކަމަށް ވެއެވެ.

ނަމަވެސް މި ތުހުމަތުތަކަށް ވަޖީހު ވިދާޅުވަނީ ކްރެޑިޓް ކާޑު ބޭނުން ކުރެއްވީ އުސޫލާ އެއްގޮތަށް ކަމަށެވެ.