ދުނިޔޭގެ ބޮކްސް އޮފީހުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެނިމޭޓަޑް ފިލްމުގެ މަގާމު ޕިކްސާ މޫވީސްގެ ފިލްމު "އިންސައިޑް އައުޓް 2" ހޯދައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ފިލްމަށް 1.462 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާއިން އެކަނި ލިބުނު 861.8 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒް ކުރެވުނު އިންސައިޑް އައުޓް 2 ވަނީ މީގެ އިތުރުން ވެސް ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލާފަ އެވެ.

މީގެ ކުރިން މި ޗާޓުގެ އެއްވަނައިގައި އޮތީ ޑިޒްނީ ޕިކްޗާސްގެ "ފްރޯޒަން 2" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 1.451 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އޭގެ އިތުރުން ޗާޓުގެ ގަދަ ފަހެއްގައި ހިމެނޭ ފިލްމުތަކުގެ ތެރޭގައި ސުޕަ މާރިއޯސް، ފްރޯޒަން 1 އަދި ދަ އިންކްރެޑިބަލްސް ހިމެނެ އެވެ.

ބޮކްސް އޮފީހުގެ އިތުރުން "އިންސައިޑް އައުޓް 2" ވެފައިވަނީ ފާޑުކިޔުންތެރިންގެ މެދުގައި ވެސް މަގުބޫލު ފިލްމަކަށެވެ. އައިއެމްޑީބީގައި އެ ފިލްމުގެ ރޭޓިންއަކީ 7.8 އެވެ.