އީރާނުގެ އާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް އެ ގައުމަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާސް ޖަމާއަތުގެ ޕޮލިޓިކަލް ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައާ ގުޅޭގޮތުން ނެރުނު ބަޔާނުގައި އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްލަން ސަރުކާރަށް ނުކުރެނު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ތިން ފޮޅުވަތުގެ ކުރު ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ގޮވާލާފަ އެވެ. އަދި ފަލަސްތީނު ސަރަހައްދަށް ސުލްހަ ގެނައުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ގޮވާލާފައިވެ އެވެ.
އެ ބަޔާނުގައި އިޒްރޭލާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ހިމަނާފައިނުވެ އެވެ.
ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ބާނީ ރައީސް ޔާމީން ވިދާޅުވީ ހަނިއްޔާ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ސަރުކާރުން ބަޔާނެއް ނެރުނީ ވެސް މާ ލަހުން ކަމަށެވެ. އަދި ނެރުނު ބަޔާނުގައި އިޒްލޭރުގެ އަމަލުތައް ކުށްވެރިކޮށް، އެ ގައުމުގެ އަމަލުތަކާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައިނުވާތީ އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ.
"ދެން އެ ނެރުނު ބަޔާނުގައި. އެ ބަޔާނުގައި ނެތޭ ހާނިއްޔާ ޝަހީދުކޮށްލީ ކޮން ބަޔަކު ކަމެއް ވެސް ލިޔެލާފައި. ދުނިޔެ ހިމޭން ވާށޭ އޮތީ. އާދެ. އެ މައްސަލައަށް ސުލްހައެއް ގެނައުމަށް ދުނިޔެ ފެއިލްވެފަ މި އޮތީ. އެކަމަކު ދުނިޔެއަކުން ނޫނޭ އޭނާ ޝަހީދުކޮށްލީއެއް. އެ އިޒްރޭލުގެ ޔަހޫދީ ދައުލަތުންނޭ، އިޒްރޭލުގެ ނަން ވެސް ނުކެރުނު މިހާ ފަހުން ނެރުނު ބަޔާނުގައި ޖަހައިލަން، ދެން ކޮން މިނިވަން ކަމެއްގެ ވާހަކަތޯ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، އަޅުގަނޑުމެންގެ ރައީސް މި ދައްކަވަނީ، ހާރިޖީ ސިޔާސަތުގައި އެއްވެސް މިނިވަންކަމެއް ނެތް ކަމެއް ނޫން ތޯ މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ޒަމާނުއްސުރެ ސަރުކާރުތަކުން ކެރިގެން ބަސް ބުނެފައިވާ ކަމަށާއި އެކަމުގައި މި ސަރުކާރަށް ވުރެ ކެރިގެން ބައިނަލްއަގުވާމީ މައިދާނުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ބަސް ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.