މިދިޔަ މަހު ބަންގްލަދޭޝްގައި ހިނގި ދަރިވަރުންގެ މުޒާހަރާތަކުގައި މިހާތަނަށް 32 ކުއްޖަކު މަރުވެފައިވާ ކަމަށް އދ ގެ ކުޑަކުދިންގެ އިދާރާ، ޔުނިސެފުން ބުނެފި އެވެ.

ޔުނިސެފްގެ ތަރުޖަމާނު ވިދާޅުވީ މަރުވި އެންމެ ހަގު ކުއްޖާއަކީ ފަސް އަހަރު ނުވާ ކުއްޖެއް ކަމަށާއި މަރުވި މީހުންގެ ތެރޭގައި ގިނައީ މުޒާހަރާގައި ބައިވެރިނުވާ، މުޒާހަރާ ބަލަން ތިބި މީހުން ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

ބީބީސީ ބަންގްލާއިން ކަށަވަރުކޮށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިވިލް ސާވިސްގައި ވަޒީފާގެ ކޯޓާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މަރުވި 200 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 32 ކުޑަކުދިން ހިމެނެ އެވެ.

ބަންގްލަދޭޝްގެ ސްޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން ކޯޓާ ސިސްޓަމް ސަރުކާރުން މިހާރު ވަނީ ކުޑަކޮށްފަ އެވެ.

މުޒާހަރާތައް މިހާރު ކުޑަނަމަވެސް، ފުރަތަމަ ފެށުނު މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަމަލު ކުރި ގޮތާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ހުކުރު ދުވަހު ހުކުރު ނަމާދުގެ ފަހުން ވެސް މީހުން ވަނީ އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ. ސަލާމަތީ ބާރުތަކުންވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށް މަގުތަކަށް އެއްވެފައިވާ އެތައް ހާސް ބަޔަކު އެއްފަރާތްކޮށްފަ އެވެ. މިކުރިމަތިލުންތަކުގައި 20 މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޔުނިސެފްގެ ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު ސަންޖޭ ވިޖޭސެކެރާ ވިދާޅުވީ މި ހަފުތާގައި ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި ކުޑަކުދިން ތަކެއް ބަންދުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބައްތިރީސް ކުދިން މަރުވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.