ބަންގްލަދޭޝްގައި ކުރަމުން އަންނަ މުޒާހަރާ ވަރުގަދަވެ، އެންމެ ފަހުން ބޮޑުވަޒިރު ޝެއިޚް ހަސީނާ މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަށްފަހު ފިއްލަވައިފި އެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ، އެންމެ ފަހުން މިއަދު ވަނީ ބޮޑުވަޒީރު ގެކޮޅު ވެސް ވަށާލައިފަ އެވެ. އަދި ހަސީނާ ދިރިއުޅުއްވާ ގެކޮޅުން ހެލިކޮޕްޓަރެއްގައި ފުރާވަޑައިގެންނެވި މަންޒަރު ވަރަށް ގިނަ ބަޔަކަށް ފެނިފައިވެ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ހަސީނާ ވަޑައިގެންނެވީ އިންޑިއާގެ އަގްރަތަލާ ކިޔާ ސިޓީއަކަށެވެ.

ގެކޮޅު ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން ގައުމާ މުޚާތަބުކުރައްވައި ވާހަކަދެެއްކެވުމަށް ހަސީނާ މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކުރެވޭހާ ވަގުތު ވެސް ލިބިވަޑައިނުގެންނެވި ކަމަށްވެ އެވެ. އަދި ހަސީނާގެ ބަދަލުގައި ސިފައިންގެ ވެރިޔާ ވަކާރުއް ޒަމާން ގައުމާ މުހާތަބުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

މީގެ 15 އަހަރު ކުރިން 2009 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ހަސީނާގެ އިސްތިއުފާއަށް މުޒާހަރާގެ ބައިވެރިން ގޮވާލަނީ ސަރުކާރުގެ ވަޒީފާތަކަށް ކޯޓާ ނިޒާމު ނިމުމަކަށް ގެނައުމަށް ގޮވާލައި މިދިޔަ ޖުލައި މަހު ދަރިވަރުން ފެށި މުޒާހަރާތައް އިތުރުވެ، 200 މީހުން މަރުވެ، ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެންނެވެ.

އޭޝިއާގެ "އަޔަން ލޭޑީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޝެއިޚް ހަސީނާ އިސްތިއުފާ ދިނުމަށް ގޮވާލާ އެއްވުންތައް މިދިޔަ ހަފުތާގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެއާއެކު އެތައް ހާސް ބަޔަކު ނުކުމެ ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހައި ސްޓަން ގްރެނޭޑްތަކެއް ގޮއްވާލުމުން 13 ފުލުހަކާއެކު ޖުމްލަ 300 އެއްހާ މީހުން މަރުވެފައިވާ ކަމަށްވެ އެވެ.

ވެރިރަށް ޑާކާ އާއި އުތުރުގެ ޑިސްޓްރިކްޓްތައް ކަމަށްވާ ބޮގުރާ، ޕަބްނާ އަދި ރަންގްޕޫރުގެ އިތުރުން ހުޅަނގުގެ މަގޫރާ، އިރުމަތީގެ ކޮމިއްލާ އަދި ދެކުނުގެ ބަރިސަލް އަދި ފެނީގައި އާދީއްތަ ދުވަހު ވަނީ ފުލުހުންނާއި ޑޮކްޓަރުން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.