އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫއުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނެނީ ބާވީސް ރަށެއްގައި ފެނުގެ ނިޒާމު ތަރައްގީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެ އެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.

މީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ 28،298 މީހުންގެ އާބާދީއަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތަ އެވެ.