ކޮންމެ ބެލެނިވެރިޔަކުވެސް އެދެނީ ދަރިފުޅަށް އެންމެ ފައިދާހުރި ގޮތެވެ. ދަރިފުޅުގެ މުސްތަގުބަލާ ގުޅޭ ކޮންމެ ކަމެއްގައި ވެސް ބެލެނެވެރިންގެ އެހީތެރިކަން ބޭނުންވާނެ އެވެ. އޭގެ ތެރޭގައި ދަރިފުޅުގެ ކެރިއަރު އިޚްތިޔާރުކުރުން ވެސް ހިމެނެ އެވެ. ކޮންމެ ކުއްޖަކަށް ވެސް ކާމިޔާބީ ފެންނަނީ ތަފާތުކޮށްކަން ކޮންމެ ބެލެނެވެރިއެއްވެސް ހަނދާން ބަހައްޓަން ވާނެ އެވެ. މި ލިޔުމުގައި މި ވަނީ ދަރިފުޅަށް ކެރިއަރެއް އިޚްތިޔާރު ކުރާއިރު ބެލެނެވެރިންނަށް އާންމުކޮށް ހެދޭ ގޯސްތަކާއި މި ކަމުގައި ދަރިފުޅަށް އެހީތެރިވުމަށް ކުރެވިދާނެ ކަންކަމެވެ.

1. ބޮޑު މުސާރަ ލިބޭ ކެރިއަރެއް ޚިޔާރުކުރުމަށް މަޖުބޫރުކުރުން

ދަރިން އިޤްތިޞާދީ ގޮތުން އެންމެ ފައިދާ ހުރި ދިރިއުޅުމެއްގައި ވަޒަންވެރިވާތަން ދެކެން މައިންބަފައިން ބޭނުންވާ ބައެކެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ބޮޑު މުސާރަލިބޭ ވަޒީފާތައް އިޙްތިޔާރުކުރުމަށް ބައެއް މައިންބަފައިން ދަރިންނަށް މަޖުބޫރުކުރެއެވެ.

2. އަމިއްލަ ހުވަފެންތަކާ ގުޅޭ ކަންކަން ދަރިން މެދުވެރިކޮށް ކުރުން

ބައެއް މައިންބަފައިން ދަރިން ދެކެނީ އަމިއްލަ ނަފްސުގެ އެކްސްޓެންޝަނެއްގެ ގޮތުގަ އެވެ. އެހެންކަމުން ދަރިން މެދުވެރިކޮށް އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ނޭނގި ނަމަވެސް މަސައްކަތް ކުރެވެއެވެ.

3. މާކެޓް ޓްރެންޑްތަކަށް މާ ބޮޑަށް ބެލުން

ބައެއް މައިންބަފައިން ދަރިންގެ އެޕްޓިޓިއުޑް ނުވަތަ ހުނަރަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މާކެޓް ޓްރެންޑްތަކަށް ބަލައި އެއިރަކު ޓްރެންޑް ވާ ކެރިއަރެއް ދަރިފުޅު އިޚްތިޔާރުކުރުމަށް ބާރުއެޅެއެވެ.

4. ދަރިފުޅު މާ ޅައިރު ކެރިއަރެއް ކަނޑައެޅުން

ބައެއް މައިންބަފައިން ދަރިފުޅަށް 12 އަހަރު ފުރުމުގެ ކުރިންވެސް ބޭނުންވާ ތަޢުލީމީ ތަމްރީނުތައް ކަނޑައަޅައެވެ. މިކަމުގެ ސަބަބުން އެހެން ވަޒީފާތަކާއި ކެރިއަރުތަކަށް ދަރިފުޅުގެ ހޭލުންތެރިކަން ކުޑަވެގެންދެއެވެ. އަދި ދަރިފުޅަށް މާ ރަނގަޅު ކެރިއަރެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ގެއްލެއެވެ.

5. ކުއްޖާގެ ހުނަރުތަކަށް ނުވިސްނުން

ކުދިން ކެރިއަރު އިޚްތިޔާރު ކުރަން ޖެހޭނީ އެކުދިންގެ އެޕްޓިޓިއުޑާއި ހުނަރާއި ޝައުގުވެރިކަމަށް ބަލައިގެންނެވެ. ވަރަށް ގިނަ ބެލެނިވެރިން މި މުހިންމު ސިފަތަކަށް އިހުމާލުވެ، ތައުލީމީ ނަތީޖާއަށް ބެލުމަށްފަހު ދަރިންގެ ކެރިއަރު އިޚްތިޔާރުކުރުމަށް ބާރުއަޅައެވެ.

6. ދަރިފުޅު އަމިއްލައަށް އިޙްތިޔާރުކުރާ ކެރިއަރަށް އެއްބަސް ނުވުން

ބައެއް މައިންބަފައިން ދަރިފުޅު އަމިއްލައަށް އިޚްތިޔާރުކުރާ ކެރިއަރު ރިޖެކްޓްކޮށްލައެވެ. މިކަމުގެ ސަބަބުން ކުއްޖާ ޑިމޯޓިވޭޓްވެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެއެވެ

7. ރައްޓެހިންނާއި އާއިލާ އެހެން މީހުންގެ ދަރިން އިޚްތިޔާރުކުރާ ކެރިއަރަކަށް ބެލުން

ބައެއް މައިންބަފައިންނަށް އެހެން ކުދިން އިޚްތިޔާރުކުރާ ކެރިއަރަކާ ދޭތެރޭ މާ ބޮޑަށް ވިސްނެއެވެ. އަދި އެކަން ކުރުމަށް ދަރިންނަށް ބާރު އެޅެއެވެ. ނަމަވެސް އެއްކުއްޖަކަށް ފައިދާހުރި އެކުއްޖަކާ ގުޅޭ ކެރިއަރެއް އަނެއް ކުއްޖަކަށް ރަނގަޅު ނުވެދާނެކަމީ މައިންބަފައިން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެކަމެކެވެ.

ދަރިފުޅަށް އެހީވާނީ ކިހިނެތް؟

  • ދަރިފުޅަށް އެހީވުމަށް ކައުންސެލިން އެކްސްޕާޓެއްގެ އިރުޝާދު ހޯދާށެވެ. މި އިރުޝާދުގެ ސަބަބުން ޒުވާން ކުދިންނަށް ތަފާތު ވަޒީފާތައް ދެނެގަނެ، ކެރިއަރެއް ޚިޔާރުކުރުމަށް ފަސޭހަވެ އެވެ. އޮންލައިން ކެރިއާ ކައުންސެލަރުންނާ ވެސް މުއާމަލާތް ކުރެވޭނެ އެވެ.
  • ދަރިފުޅު ރުހޭ ކަންކަމާއި ނުރުހޭ ކަންކަން އަޑުއަހާ މީހަކަށް ވާށެވެ. ކެރިއަރެއް ޚިޔާރުކުރަންވާނީ ދަރިފުޅު ރުހޭ ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
  • ދަރިފުޅުގެ އެޕްޓިޓިއުޑާއި ސްކިލް ލެވެލް ދަސްކުރާށެވެ. އޭނާގެ ޤާބިލުކަމާމެދު މުޅިން ވެސް މާކްޝީޓަށް ބަލައިގެން ގޮތެއް ނުނިންމާށެވެ. މަލްޓިޕަލް އިންޓެލިޖެންސް ކޮންސެޕްޓް ހަނދާނުގައި ބަހައްޓާށެވެ. ކިޔެވުމާ ގުޅުން ނެތް ދާއިރާތަކުން ދަރިފުޅަށް ކުރިއެރުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
  • ދަރިފުޅަށް ތިބާގެ އިރުޝާދާއި އެއްބާރުލުމާއެކު އޭނާގެ ކެރިއަރުގެ މަގެއް އިޚްތިޔާރުކުރުމުގެ މިނިވަންކަން ދޭށެވެ. އެއީ މެޑިސިން، އިންޖިނިއަރިން، ލޯ ނުވަތަ ޓީޗިން ފަދަ އާންމު ކެރިއަރަކަށް ފަހަރެއްގައި ނުވެދާނެއެވެ. ދަރިފުޅު ކުރަންވާނީ ދަރިފުޅު ލޯބިވާ ކުރާ ހިތްވާ މަސައްކަތެކެވެ.