ތާރީހީ ލިޔުންތައް ބުނާ ގޮތުގައި ބޮޑު ތަކުރުފާނު (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން) އަކީ ތުއްޕުޅުއިރު ވެސް ހުނަރުވެރިކަމާއި ކުޅަދާނަ ބޭފުޅެއް ކަމަށްވެ އެވެ. ބޮޑުތަކުރުފާނުގެ ވާހަކައިން އޭނގޭ ގޮތުގައި އެއީ މަޅި ޖައްސަވައިގެން ދޫނި ހިއްޕެވުމާއި އަމާޒަށް އުންޑަ ޖެއްސެވުމަކީ އޭރުވެސް ކުޅަދާނަ ފަހުލަވާނެކެވެ.

މިއަދަކީ އެތަކުރުފާނަށް ނިސްބަތްކޮށް ފާހަގަކުރާ ދިވެހިންގެ ފަޚުރުވެރި ގައުމީ ދުވަހެވެ. ބޮޑުތަކުރުފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ރާއްޖެ މިނިވަން ކޮށްދެވުމުގައި އިސްކޮށް ހުންނެވި ލީޑަރެވެ. މިފަދަ ދުވަހެއްގައި އެތަކުރުފާނުގެ ހަޔާތްޕުޅަށް ކަޅިއެއް އެއްލުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.

ދިވެހިން ދަންނަ ބޮޑު ތަކުރުފާނު އުފަންވެ ވަޑައިގެންފައިވާ ކަމަށް ބެލެވެނީ ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގެ ތިންވަނަ ދައުރުގެ ތެރޭގަ އެވެ. ބައްޕާފުޅަކީ ހއ. އުތީމު، ޙުސައިން ޚަޠީބު ތަކުރުފާނެވެ. މަންމާފުޅަކީ ހއ. އިހަވަންދޫ، އާމިނާ ދިޔޯ އެވެ.

ތާރީހީ ލިޔުންތައް ބުނާ ގޮތުގައި ބޮޑު ތަކުރުފާނުގެ ތުއްޕުޅު ހަޔާތަކީ ވެސް އެ ރަދުންގެ ހުނަރުވެރިކަމާއި ހިކުމަތްތެރިކަން ފެނުނު ދުވަސްވަރެކެވެ. އެގޮތުން މަޅި ޖައްސަވައިގެން ދޫނި ހިއްޕެވުމާއި އަމާޒަށް އުންޑަ ޖެއްސެވުމަކީ އޭރުވެސް އެރަދުންގެ ފަރާތްޕުޅުން ފެނުނު ހުނަރުވެރި ސިފަތަކެކެވެ.

ބޮޑު ތަކުރުފާނު ބޮޑުފުޅުވި އުތީމު ގަނޑުވަރު

ބޮޑު ތަކުރުފާނު ތައުލީމު ހާސިލް ކުރެއްވީ ބައްޕާފުޅު އުތީމު ހުސައިން ޚަޠީބު ތަކުރުފާނާއި ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުންނެވެ. އަސްކަރީ ހުނަރާއި ހެވިކަމުގެ އުކުޅުތައް ދަސްކުރެއްވީ އިންޑިއާގެ ރަށެއް ކަމަށްވާ ބޭދަޅީންނެވެ. އެއީ މިހާރު އިންޑިއާގެ ކެރެލާ ސްޓޭޓްގެ ބޭޕޫރު ނަމަކަށް ކިޔާ އަވަށެވެ.

ބޮޑު ތަކުރުފާނު ޒުވާން އުމުރަށް ވަޑައިގެންނެވިއިރު، ދިވެހި ރާއްޖޭގައި ޕޯޗުގީޒުންގެ އަނިޔާވެރިކަން އޮތީ އިންތިހާއަށް ގޮސްފަ އެވެ. ދެކުނުގެ ތިން އަތޮޅު ފިޔަވައި މުޅި ރާއްޖެއަށް އަތްގަދަކޮށް މި ގައުމުން އިސްލާމް ދީން ފޮހެލަން އެވެރީންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އައީ ކުރަމުންނެވެ.

މި އަނިޔާވެރިކަން ނިމުމަކަށް ގެނެސް ދިވެހި މި ލޮބުވެތި ބިމުގައި އަމާންކަން ފަތުރުއްވަވަން ބޮޑު ތަކުރުފާނު ނިންމެވީ އެ ހިސާބުންނެވެ. އެއާއެކު ބޭބޭފުޅު އަލީ ތަކުރުފާނާއި ހަސަން ތަކުރުފާނުގެ އިތުރުން ތިމަރަފުށީ ދެ ހާޖީންނާއި ދުވާފަރު ދަންޑެހެލާއެކު ކުޑަ ނަމަވެސް ވަރުގަދަ ލަޝްކަރެއް އެކުލަވާލައި ޖިހާދުގެ އޮޑި ކަމަށްވާ ކަޅުއޮއްފުންމި ބެންނެވި އެވެ. މި އޮޑި ބެންނެވީ ހއ. ބާރަށުގަ އެވެ.

ކަޅުއޮއްފުންމީގެ ނަކަލެއް

ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުންގެ ލަޝްކަރުގެ ހަނގުރާމައިގެ ހިކުމަތްތެރި ކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސި އަނދިރިވުމުން ރަށްރަށަށް އަރައި އެރަށެއްގައި ތިބި ޕޯޗުގީޒުން މަރަމުން ދިޔަ އެވެ. މިހެން އުޅުއްވުމުގެ ތެރޭގައި ހއ. ތަކަންދޫގައި އަލިތަކުރުފާނު ޝަހީދުވި އެވެ.

އިތުރު ހިތްވަރަކާއެކު ޖިހާދު ކުރިއަށް ގެންގޮސް ޕޯޗުގީޒުންގެ ލީޑަރު އަނދިރި އަނދިރީންގެ ކަރަށް ބަޑި ޖައްސަވައި މަރާލެއްވީ ނަސާރާ ދީން ގަބޫލު ނުކުރާ މީހުން ޝަހީދުކޮށްލަން ޕޯޗުގީޒުން ނިންމާފައި އޮތް ދުވަހުގެ ވިލޭރޭ ކަންނަންނޫރުގެ އަލީރާޖާގެ އެހީފުޅާއެކު އެކުލަވާލި ލަޝްކަރު ގޮވައިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލް އައްވަލް އެއްވަނަ ދުވަހު އެވެ. އެއީ މީލާދީން 1573 ވަނަ އަހަރު ޖުލައި ދެވަނަ ދުވަހެވެ. މިއަދު އަހަރުމެން ފާހަގަކުރާ ގައުމީ ދުވަހަކީ މިއީ އެވެ. މިއަދު އަހަރުމެން ފާހަގަ މިކުރަނީ ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުންގެ ކުޑަ ލަޝްކަރުން ކުރެއްވި ގައުމީ ޖިހާދެވެ.

ޕޯޗުގީޒުން ބަލިކުރައްވައި ދިވެހި ރާއްޖެއަށް އަލުން މިނިވަންކަން ގެނެސްދެއްވުމަށްފަހު ޖުމްލަ 11 އަހަރާއި ހަ މަސް ދުވަސް ވަންދެން ބޮޑު ތަކުރުފާނު ރާއްޖޭގައި ރަސްކަން ކުރެއްވި އެވެ. ބޮޑު ތަކުރުފާނުގެ ރަސްކަމަކީ ދިވެހި ރާއްޖެއަށް އައި ފާގަތި އުފާވެރި ދުވަސްވަރެއް ކަމުގައި ތާރީހީ އިލްމުވެރިން ސިފަކުރައްވަ އެވެ.

މާލޭގެ ބިހުރޯޒު މިސްކިތް

ގުނާ އަދަދު ނުކުރެވޭ ގައުމީ ހިދުމަތްތަކެއް މި ގައުމަށް ކޮށްދެވުމަށްފަހު ބޮޑު ތަކުރުފާނު އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 993 ވަނަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ މީލާދީން 1585 ވަނަ އަހަރު އޮގަސްޓް 18 ވަނަ ދުވަހެވެ. އެމަނިކުފާނު ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައި ކަމަށް ބުނެވެ އެވެ.

ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ލަޝްކަރުގެ ޒިކުރާއަކީ ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހަކު އާލާ ކުރަންޖެހޭނެ ޒިކުރާ އެކެވެ. ބޮޑުވަމުން އަންނަ ޖީލުގެ ކުދިންނަށް އަންގައިދީ ކުރިއަށް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން ޖެހޭނެ ޒިކުރާ އެކެވެ.

އެހެނީ ދިވެހި ރާއްޖެ ދިވެހި ރާއްޖޭގެ ގޮތުގައި އިސްލާމީ ހިދާޔަތުގެ މަތީގައި މިއަދާ ހަމައަށް މިއޮތީ ބޮޑު ތަކުރުފާނު ފަދަ ގައުމީ ބަތަލުންގެ އަގުހުރި ޖިހާދުގެ ސަބަބުންނެވެ. މާތް ﷲ ބޮޑު ތަކުރުފާނާއި ދިވެހި ގައުމުގެ އެންމެހާ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އެވެ!