ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި އެވެ.

ޔޫސުފް އަބްދުލްގަފޫރު ސްޓޭޓް މިނިސްޓަރުގެ މަގާމު ވަކިކުރީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރި ސަބަބެއް ރަސްމީ އެއްވެސް ފަރާތްތަކުން ހާމަކޮށްފައިނުވެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޔޫސުފް އަބްދުލްގަފޫރު ވަކިކޮށްފައިވާއިރު މިހާރުވެސް އެމިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރު ތިއްބަވަ އެވެ. އަދި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި 13 ބޭފުޅުން ތިއްބަވަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޔޫސުފް އަބްދުލްގަފޫރު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކޮށްފަ އެވެ.

ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މީހުންގެ އަދަދު މަދު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 700 އަށްވުރެ މާބޮޑަށް ވެސް އިތުރުވެފަ އެވެ.