ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ މާލީ ހާލަތު އިންތިހާއަށް ގޯސްވުމުން ހަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިއުލާންކުރުމަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޯ)ގެ އަނބިކަނބަލުން އައިޝަތު ރައިހާނާ އަށް ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ މަތީ މަގާމެއް ދީފި އެވެ.

ކުރިން މުލިއާގޭ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ރައިހާނާ އައްޔަންކުރީ ތުރުކީ އެމްބަސީގެ ތާޑު ސެކްރެޓަރީގެ މަގާމަށެވެ.

ތުރުކީގައި އެމްބަސީ ގާއިމުކުރީ މި ސަރުކާރު އައުމަށްފަހު އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ތަފްސީލާއި އަދަދު ވަނީ ސިއްރުކޮށްފަ އެވެ.

ރައީސް މުއްއިޒު އާއި ނާސިރު އަކީ ވަރަށް އަރިސް ދެބޭފުޅުންނެވެ. ކުރިން ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު، ނާސިރަކީ ކައުންސިލް މެންބަރެކެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ނާސިރަށް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވައިފަ އެވެ.

މޭޔަރުކަމުގައި އަދި ފަހުން ރައީސް ކަމަށް ހޮވިވަޑައިގަތް ދުވަސްވަރު އެންމެ އަރިހުގައި އުޅުއްވި އާދަމް ރަމީޒް އާއި އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ވެސް ރައީސް ވަނީ މަތީ މަގާމުތައް ދެއްވުމަށް ފަހު، މައްސަލމަ ޖެހިގެން މަގާމުން ވަކިކުރައްވަައިފަ އެވެ.