އެޕަލް އިންޓެލިޖެންސްގެ ފުރިހަމަ ފީޗާތަކާއެކު އެޕަލްއިން އައިފޯން 16 ތައާރަފް ކޮށްފި އެވެ. އައިފޯންގެ އިތުރުން ވޮޗް ސީރީސް 10 އަދި އެއާޕޮޑް 4 ވެސް އެޕަލްއިން ވަނީ ދައްކާލާފަ އެވެ.

އެޕަލްގެ ހެޑްކުއާޓަރުގައި ރޭ ބޭއްވި އިވެންޓްގައި އައިފޯން 16 ގެ މޮޑެލްތައް ވަނީ ދައްކާލާފަ އެވެ.

މިފަހަރު ފޯނުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ފީޗާއަކީ އެޕަލްއިން ޒަމާނާ އެއްގޮތަށް ޑިޒައިންކޮށްފައިވާ އެޕަލް އިންޓަލިޖެންސްގެ ފީޗާތަކެވެ. ޒަމާނާ ގުޅޭގޮތަށް އާޓީފިޝަލް އިންޓެލިޖެންސްގެ ބޭނުން އެންމެ ފުރިހަމައަށް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އައިފޯން 16 އިން "ޖެންއޭއައި" ރައިޓިން ޓޫލްގެ އިތުރުން އޭއައި ބޭނުންކޮށްގެން ފޮޓޯ ވީޑިއޯއަށް ސްޓިޗް ކޮށްލެވެ އެވެ. އަދި ކެމެރާގެ ވިސުއަލް އިންޓެލިޖެންސް މެދުވެރިކޮށް ފޮޓޯ ނެގުމުން ރެސްޓޯރަންޓް ފަދަ ތަންތަނުގެ ނަން ފޮޓޯއިން ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ކެމެރާ ކޮންޓްރޯލް ފީޗާ މެދުވެރިކޮށް ޗެޓްޖީޕީޓީގެ އެހީތެރިކަންވެސް ހޯދެ އެވެ.

އައިފޯން 16 ޕްރޯ ގައި ކަޅު، ހުދު، ރިހި އަދި ޑެޒާޓް ކުލަ ލިބެން ހުރެ އެވެ. އެޕަލްއިން ބުނީ މިއީ އައިފޯންގެ ބެޓެރީ ލައިފް އެންމެ ރަނގަޅު ފޯނަށް ވާނެކަމަށެވެ. މިއީ ސެކަންޑް ޖެނެރޭޝަން 3 ނެނޯ މީޓަރު ޓްރާންސިސްޓަރ ބޭނުންކޮށްގެން ހަދާފައިވާ އޭ18 ޕްރޯ އިން އުފައްދާފައިވާ، ފޯނެކެވެ.

އެޕަލް އައިފޯން 16

އައިފޯން 16 ޕްރޯގައި 48 މެގަޕިކްސެލް ފިއުޝަން ކެމެރާއަކާއި 48 މެގަޕިކްސެލް އަލްޓްރާ ވައިޑް ކެމެރާއަކާއި 12 އެމްޕީ 5އެކްސް ޓެލެފޮޓޯ ކެމެރާއެއް ހިމެނެ އެވެ. އަދި ސިކުންތަކު 4ކޭ120 ފްރޭމް ހިމެނޭ ސިނެމެޓިކް ސްލޯ މޯޝަން ވެސް ހިމެނެ އެވެ. އައިފޯން 16 ޕްރޯގައި ސްޓޫޑިއޯ ކޮލިޓީގެ ހަތަރު މައިކް އިނދެ އެވެ.

މިފަހަރު އައިފޯން 16 ގައި ހުރި، ގިނަބައެއްގެ ޝައުގުވެރިކަން ދަމައިގަތް އެއް ފީޗާއަކީ "އެކްޝަން ބަޓަން" އެވެ. އެކްޝަން ބަޓަން އައިފޯން 16ގެ ހުރިހާ މޮޑެލްތަކެއްގައިވެސް ހުރެ އެވެ. މި ބަޓަން ފަރުމާކޮށްފައިވަނީ ކެމެރާ ކޮންޓްރޯލް ފީޗާއަކާ އެކު، ކެމެރާ ހަމައެކަނި ސްލައިޑިން އިޝާރާތަކުން ކޮންޓްރޯލް ކުރެވޭނެ ގޮތަށެވެ.

އެއާޕޮޑް 4 ދައްކާލާފައިވާއިރު، އެއާއެކު ވަނީ އެއާޕޮޑްސް މެކްސްވެސް ތައާރަފްކޮށްފަ އެވެ. މި ހެޑްފޯން ފަރުމާކޮށްފައިވަނީ ވަރަށް ފަސޭހަ އަދި ތަފާތު ޑިޒައިނަކަށެވެ. ހައިޓެކް އޯޑިއޯ އާކިޓެކްޗަރ ބޭނުންކޮށްފައިވާ މި އެއާޕޮޑް ބޭނުންކުރާއިރު ސިރީއަށް ޖަވާބު ދިނުމަށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ގެ ގޮތުގައި ބޮލުން އިޝާރާތްކޮށްލުމުންވެސް ސިރީއަށް އެނގޭނެ އެވެ. އެއާޕޮޑް 4 ގެ ކޭސް ޔޫއެސްބީ-ސީ އިންވެސް ޗާޖް ކުރެވޭނެ އެވެ.

އެއާޕޮޑްސް މެކްސް

ތަފާތު އެކި ފީޗާތަކާއެކު ތައާރަފްކުރި އެޕަލް ވޮޗް ސީރީސް 10 އަކީ މިހާތަނަށް އެޕަލްއިން ނެރުނު އެންމެ ތުނި ގަޑި އެވެ. އެންމެ 9.7 މިލިމީޓަރު ހުންނަ މި ގަޑިއަކީ ވޮޗްސީރީސް 9 އަކަށްވުރެ ވިހި ގުނަ ތުނި ގަޑިއެކެވެ. މީގެ އިތުރުން އެޕަލްއިން ވަނީ އެތުލީޓުންނަށް ހާއްސަ އެޕަލް ވޮޗް އަލްޓްރާ 2 އެއްވެސް ދައްކާލާފަ އެވެ.

އެޕަލް ވޮޗް ސީރީޒް 10

އައިފޯން 16ގެ ޕްރީއޯޑާ އަގުތައް އެޕަލްއިން މިރޭ އިއުލާންކުރިއެވެ. އައިފޯން 16ގެ އަގު 799 ޑޮލަރުން ފެށޭއިރު، އައިފޯން 16 ޕްލަސްގެ އަގު ފެށެނީ 899 ޑޮލަރުންނެވެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުވާވަރަކަށް އަގުވެސް އިތުރުވާނެ އެވެ. ޕްރީއޯޑާ ނަގަން ފަށަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހު މާކެޓަށް ނެރޭނެކަމަށް އެ ކުންފުނިންވަނީ އިއުލާންކޮށްފަ އެވެ.