ދިރާސީ އާ އަހަރުފެށޭ ދުވަސް އޮގަސްޓް މަހަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކޮށް އެކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ މިހާރު ގެނައި ބަދަލާއެކު ދެން ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ކަމަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުމަށްފަހު ޗުއްޓީގެ ގޮތުގައި ދެ ހަފްތާ ލިބޭނެ ކަމަށް އައިޝަތު އަލީ ވިދާޅުވި އެވެ.
"..ހަމަ އެއާ އެއްކޮށް، ފުރަތަމަ ޓާމު ނިންމާލާފައި، ޓާމު ބަންދާ އެއްކޮށް މުޅިއެކު ދެ ހަފުތާ ނުވަތަ ތިން ހަފުތާ ޑިސެމްބަރު ފަހުކޮޅު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައި ވަނީ ދަރިވަރުންނާއި މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ކަމާއިގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި އެ ބަދަލާއެކު ބައިނަލްއަގުވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް އެމީހުންގެ ދަރިންނާއި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން އެކި ސިނާއަތްތަކުގައި މަސައްކަތުގެ ތަޖުރިބާތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު މުހައްމަދު އިހްސާން ވިދާޅުވީ މި ބަދަލާއެކު އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެ ކަމަށެވެ. އަދި މިބަދަލާއެކު މިހާރު ވެސް އޭލެވެލް މެއި ޖޫންގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯ ލެވެލް ނިންމާފައި، މާ ގިނަ ދުވަހެއް ނުކޮށް ދަރިވަރުން އޭ ލެވެލް ފެށުމަށް އިންތިޒާމު އިރާދަކުރެއްވިއްޔާ މި ބަދަލާއެކީގައި ހަމަޖެހިގެންދާނެ. ދެ އެގްޒާމް، އެއީ އޯ ލެވެލް އެގްޒާމް ވެސް އަދި އޭ ލެވެލް އެގްޒާމް ވެސް އޮންނާނީ މެއި/ޖޫންގައި،" އިހުސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ގްރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިހާން އޮކްޓޫބަރު ނޮވެމްބަރުގައި ނިމުނު ނަމަވެސް އޭލެވެލް އިމްތިހާން ޖޫންމަހު ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން ހަ ދުވަހަށް މަޑުކުރަންޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.
އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީގަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީޚަށް ބަދަލުގެނައުމަށް އާންމުންގެ ޚިޔާލަށް ވެސް އެދިފަ އެވެ.
މީގެ އިތުރުން ކޮވިޑްއާއި ގުޅިގެން ކިޔަވައިދިނުމަށް އައި ބުރަތަކާއެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުންވެސް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހު އެވެ.