ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެކު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކޮށް، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.

މި ފަހުމުނާމާގެ ސަބަބުން، ޗައިނާއާއި ރާއްޖެއާ ދެމެދު ދެ ގައުމުގެ ފައިސާއިން މުއާމަލާތްކުރަން ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓުކުރަން ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިތައް އިތުރުވާނެ ކަމަށް ވުޒާރާގެ ބަޔާނުގައިވެ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއާ އެކު އަހަރެއްގެ މައްޗަށް މިހާރު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުއާމަލާތްކުރާކަމަށް ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ސަރުކާރުން ގެންދަނީ އަވައްޓެރި އިންޑިއާއާ އެކުގައި ވެސް މި ފަދަ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.