މޯލްޑިވިއަން އިން ޗައިނާގެ ތިން ސިޓީއަކަށް ކާގޯ އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ވަނީ ޗައިނާގެ ވެރިރަށް ބެއިޖިން އާއި ގަންޒޯގެ އިތުރުން ޗެންޑޫއަށް ކާގޯ ސޭލްސް އޭޖެންޓުން (ޖީއެސްއޭ) ހޯދުމަށް އިއުލާނުކޮށްފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ތިން ސިޓީގައި ޖީއެސްއޭގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ވަނީ ހުޅުވާލައިފައިވާ ކަމަށެވެ.

ޗައިނާގެ އޮޕަރޭޝަންތައް މި އަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.

މޯލްޑިވިއަނުން ޗައިނާ އަށް ކާގޯ އޭޖެންޓުން ހޯދަން ހުޅުވައިލި އިރު، އެ ގައުމާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ދެ ގައިމުގެ ފައިސާ އިން މުއާމަލާތް ކުރަން މިހާރު ވަނީ ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީސީ) އާ އެކީ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.

ޗައިނާއާ އެކީ ރާއްޖެ އޮތީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވެސް ހަދައި، އެ އަށް އަމަލު ކުރުމުގެ މަރުހަލާގަ އެވެ.