ނުކުޅެދުންތެރިކަން ހުރި ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އޭޕްރީލް 14 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލާގައި މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ތަހުގީގު ކުރަމުންދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ.