ރަށްރަށަށް ފެނާއި ކަރަންޓްގެ ހިދުމަތްދޭ މައި ކުންފުނި ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވަނިކޮށް، އަވަސް އަރުވާލައިގެން ކުންފުނީގެ ޕްރޮކިއުމެންޓުގެ ތެރެއިން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަމުންދާކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި މުއާމަލާތްތައް ކުރަމުންދަނީ އަވަސް އަރުވާލައިގެން ޕްރޮކިއުމަންޓް އުސޫލްތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އެގޮތުން ދާދިފަހުން ވަނީ ފެނަކައަށް ގެއްލުންވާ ގޮތަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތްކަމަށް ތުހުމަތުކުރެވޭ ލިޔެކިއުންތަކެއް ލީކުވެފަ އެވެ.

އެ ލިޔެކިޔުންތަކުން އެނގޭ ގޮތުން މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ކޭބަލްތަކެއް ގަތުމަށް އަލްފާއަށް ޖުމްލަ 18 ޕާޗޭސް އޯޑަރު ހެދި އެވެ. އެ ޕާޗޭސް އޯޑަރުތަށް ހަދާފައިވަނީ އެކި ރަށްރަށަށް ބޭނުންވާ ކޭބަލްތައް ކަމަށް ބުނެ އެވެ. މައުލޫމާތު އެނގޭ މީހަކު "ހުރިހާ" އަށް ބުނީ އެ ކޭބަލްތައް ގަތުމަށް އަލްފާއާ ހަވާލުކޮށްފައިވަނީ މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ކަމަށެވެ.

ފެނަކަ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އާއި އިތުރު ދެ ވެރިން ސޮއިކޮށް އެޕްރޫވް ކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ޖުމްލަ އަގު 65.7 މިލިއަން ރުފިޔާއަށް އަރަ އެވެ.

ބޮޑު ދަރަނީގައި ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ކުންފުނިން ބުނަނީ ހުރިހާ މުއާމަލާތެއް ހިންގަނީ ޕްރޮކިއުމަންޓް ގަވައިދުގެ ތެރެއިން ކަމަށެވެ.

ކޮންމެ ކުންފުންޏަކުން ވެސް ހިޔާނާތައް މަގުފަހިވާ މިފަދަ މުއާމަލާތްތައް އަބަދުވެސް ކުރަނީ ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން ވައްކަން ކުރެވެން އޮންނަ ލޫޕް ހޯލުތަކުންނެވެ. ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުން މިފަދަ އުސޫލުތައް ބައްޓަން ކުރަނީ އެއިރެއްގައި ހުންނަވާ ވެރިއަކު "ބޭނުންފުޅުވާ" ގޮތަކަށެވެ.

ފެނަކަގެ ދަރަނި 4 ބިލިއަނަށް ވުރެ މަތީގައި ހުރިއިރު، ހަރަދު ކުޑަކޮށް ދަރަނިން އަރައިގަތުމަށް މަސައްކަތްތަކެއް ކުރާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. ފެނަކަގެ ދަރަނިން އަރައިގަތުމަށް އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ ނިމިދިޔަ އޮގަސްޓް 25 ގަ އެވެ.