ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ސަރުކާރުގެ ކިބައިން އެދިއްޖެ އެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދުނިޔެ އާއި ރާއްޖޭގައި ވެސް ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި އެފަދަ ކަންކަމަށް މަގުފަހިވުމުގައި އިސް ދައުރެއް އަދާކުރާ އެކައްޗަކީ ދުންފަތުގެ ބާވަތްތައް ކަމަށެވެ.
ދުންފަތުގެ ބާވަތްތަކުގެ ސަބަބުން ނޭވާލާ ނިޒާމާއި ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ސްޓްރޯލް ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމަށް ޑޮކްޓަރުންގެ ޖަމިއްޔާ އިން ބުންޏެވެ.
ޑޮކްޓަރުންގެ ޖަމިއްޔާއިން ބުނީ ދުންފަތަކީ އެތައް ހާސް ވިހަ ކެމިކަލް މާއްދާ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ބައެއް މާއްދާތަކުގެ ސަބަބުން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ. ، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވެ އެވެ. އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުންނެވެ.
"ދުނިޔޭގެ 34 ގައުމެއްގައި ވޭޕް ވަނީ މުޅިން މަނާ ކުރެވިފަ އެވެ. މި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނެ އެވެ. މިކަމުގެ ސަބަބުން ދިވެހިންގެ އާއްމު ސިއްހަތު ރަނގަޅުވެ، މުޅި މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ." ޑޮކްޓަރުންގެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.
ވޭޕާއި އީސިނގިރެޓަގީ ގެއްލުން ކުޑަ އެއްޗެއް ކަމަށް އެކި ފަރާތްތަކުން ބުނިނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އޭގައި އެކުލެވޭ އެކި ފްލޭވާތަކުގެ ސަބަބުން ޒުވާނުން އެކަމަށް ދެވިހިފާލެއް ބޮޑު ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
އެ ޖަމިއްޔާއިން ބުނީ އެ ތަކެތީގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ރާއްޖޭގައި އެފަދައިން އަމަލުކުރާ ކަމަށް ފުލުހުންގެ ބައެއް ބޭފުޅުން ވެސް ފާހަގަކުރެ އެވެ.
މީގެއިތުރުން ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ވެސް ވަނީ އެ ބާވަތްތައް އެތެރެކުރުން މަނާކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިފަ އެވެ.
ދުންފަތް ރާއްޖެ އެރެރެކުރުން މަނާ ކުރަން ބުނާއިރު މަސްތުވާ ތަކެތި ޑުރަގު ރާއްޖެ ޢެތެރެ ނުކުރެވޭނެ ގޮތަކައް ތިބޭފުޅުން ނުވިސްނަންތޯ ފުރަތަމަ ކަމަކަށް މަސްތުވާ ހިކި ބާވަތް ތަށް ރާއްޖެ އެތެރެ ނުކުރެވޭނެ ގޮތަކައް ވިސްނަންވީނު ތިވޭޕާ ސިގިރެޓު އަށް ވުރެ މުހިންމީ މިކަން ކުރުން