ކަރަންޓީނު ނުވެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށް ދެވޭގޮތަށް އެޗްޕީއޭ އިން ނެރުނު ގައިޑްލައިން ބާތިލް ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ، ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމަށް އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި ބަދަލާގުޅިގެން، ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން އެ އިސްލާހް އުވާލަން ނިންމާފައިވާ ކަމަށެވެ.

ކަރަންޓީނު ނުވެ ރަށްރަށަށް ކެމްޕެއިންކުރަން ދެވޭނެހެން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމާބެހޭ އުސޫލަށް ގެނެވުނު އިސްލާހުގެ ދަށުން، 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓަކާ އެކު ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް ރަށްރަށަށް ދެވޭނެ އެވެ. އެހެންނަމަވެސް، ފަސް ދުވަހަށްވުރެ ގިނަ ދުވަސް ވާނަމަ ކަރަންޓީންވާން ޖެހެ އެވެ.

މި އިސްލާހާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި، އަދިވެސް ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވި އެވެ.

މާލޭއިން ކޮވިޑްގެ ކޭސްތައް ފެންނަ އަދަދު އިތުރުވެ، ހޮޓާ ތަކާއި ރެސްޓޯރެންޓުތައް ބަންދުކުރާ ހާލަތުގައި އޮއްވާ، ކަރަންޓީން ނުވެ ކެމްޕެއިންކުރަން ދެވޭ ގޮތަށް އުސޫލު ބަދަލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެޗްޕީއޭގެ އިސް ބޭފުޅުން ހާޒިރިކޮށް، ގައިޑްލައިންތައް ބަދަލުކުރުމަށް ޕްރެޝަރު ކުރިކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.