އެތައް ދުވަހެއް ފަހުން، މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 94 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 65 މީހަކާއި އަތޮޅިު ތެރެއިން ޕޮޒިޓިވްވި 14 މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ވެސް މިއަދު ވަނީ ދަށްވެފަ އެވެ. މިފަހުން ކޮވިޑްގެ ކޭސްތައް 100 އިން ދަށަށް ދިޔައީ އެންމެ ދުވަހަކު އެވެ. މިއަދު މިއީ އެފަދަ ދެވަނަ ދުވަހެވެ.

މިއަދުގެ 94 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،476 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،438 ގައި މިހާރު ހުރިއިރު 18،967 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 64 މީހަކު ވަނީ މަރުވެފަ އެވެ.

މިހާތަނަށް މުޅި ރާއްޖެއިން 198،206 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެތެރެއިން 111،695 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލައި ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް ހަމަޖެއްސިޔަސް ވަކި ޚާއްސަ ބަޔަކަށް ފުރަތަމަ ޑޯޒް ދެމުންދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.