ކޮވިޑް- 19 އާ ދެކޮޅަށް ރާއްޖޭގައި ދެމުންދާ ކޮވިޝީލްޑް ވެކްސިން ޖެހިފަހުން ހާލުބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނީ ހަތަރު މީހަކަށް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ވެކްސިން ދިނުމަށްފަހު ހާލު ސީރިއަސްވެގެން ފަރުވާދޭން ޖެހުނީ ޖުމްލަ ހަތަރު މީހަކަށް ކަމަށެވެ. އަދި ވެކްސިންގެ ސަބަބުން އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އެޗްއޯއީސީއިން އެކަން ތަހުގީގުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 206،114 މީހުންނަށް ވެކްސިން ދިންއިރު ހާލަތު ގޯސްވީ ނިސްބަތުން ވަަރަށް މަދު އަދަދެއްގެ މީހުންނަށެވެ. ނަމަވެސް ހުން އައުމާއި ވަރުބަލިވުން ފަދަ އަލާމާތްތައް ގިނަ އަދަދެއްގެ މީހުންނަށް ކުރިމަތިވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފަހުން ތިން މީހަކު މަރުވިއިރު އަދިވެސް އެ ކޭސްތަކުގެ ތަހުގީގުތައް ދަނީ ކުރިއަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ މަރުތަކުގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު ވީހާ ވެސް އަވަހަށް މަރުގެ ސަބަބު ހާމަކުރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރިން ނިޔާވި ފަރާތުގެ ވެސް އަދި މިއަދު ނިޔާވި ފަރާތުގެ ވެސް އޭއެފްއައި އިންވެސްޓިގޭޝަނަށް ފަހު ކޯޒްއޮފް ޑެތް ހާމަކުރާނަން އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށްފަހު މީހެއްގެ ހާލަތު ސީރިއަސްވެއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ އެކަން ބަލާނެ މިންގަނޑު ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ވަނީ ކަނޑައަޅާފަ އެވެ.

ވެކްސިން ޖެހުމަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ މަރުވީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އެއީ އެކި ބަލިތަކަށް ފަރުވާކުރަމުންދިޔަ އަދި އެނދުމަތިވެފައިވާތާ ދިހަ ވަރަކަށް އަހަރުވެފައިވާ މީހެކެވެ.

ވެކްސިން ޖެހިތާ ދެ ދުވަސް ފަހުން އެމީހާ ނިޔާވިއިރު އޭނާގެ އަނބިމީހާ 81އ. ވަނީ އޭގެ ދެ ދުވަސް ފަހުން މަރުވެފަ އެވެ. އެ ދެ މީހުންނަކީ ވެސް ފެބްރުއަރީ 17 ވަނަ ދުވަހު ވެކްސިން ޖެހި މީހުންނެވެ.

އޭގެ ފަހުން މިމަހު ނުވަ ވަނަ ދުވަހު ވެކްސިންޖެހި 45 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ. މަހަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވެގެން ފަރުވާ ދެނިކޮށް މަރުވި އެ މީހާ މަރުވީ 10 ވަނަ ދުވަހު އެވެ. އަދި މީގެ އިތުރުން އައްޑޫގައި އިއްޔެ ވެކްސިން ޖެހި މީހަކު ރޭ މަރުވެފައިވެ އެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ބެލުމަށްފަހު މަރުތަކާ ގުޅޭ މައުލޫމާތު ވީހާ ވެސް އެންމެ އަވަހަށް ހާމަކުރާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.