ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ ކޮޅިގަނޑުގައި ވައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މެލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައި ވެ އެވެ.
މެޓު އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ނެރުނު އިންޒާރުގައިވާ ގޮތުން ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރުގެ ހިސާބުތަކަށް 3-6 ފޫޓާއި ދެމެދުގަ އެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި 5-8 ފޫޓާއި ދެމެދުގަ އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ދަނީ ސަމާލުތައް ނެރެމުންނެވެ.