މަހުޖަނު އިލަން މަސްކްއަށް ތާއީދުކޮށް ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ޓްވީޓެއް ކުރުމުން އާއްމުން އޭނާއަށް ފާޑުކިޔަމުން އެބަދެ އެވެ.

މީގެ ދުވަސްތަކެއް ކުރިން އިލަން ކޮށްފައިވާ ޓްވީޓެއް އަލުން ޝެއާ ކުރަމުން ނިކް ބުނެފައިވަނީ "އަހަރުމެން 3000 އަހަރު ކުރިއަށް" ގެންގޮސްދިނުމަށެވެ.

ނިކްގެ މި ޕޯސްޓާއެކު އޭނާއަކީ އިލަންގެ ސިޔާސީ ފިކުރަށް ތާއީދުކުރާ މީހެއް ކަމަށާއި ރަސްމީކޮށް އިލަން އެންޑޯޒްކުރީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިކަމުގައި ނިކްއަށް ފާޑުކިޔާ ގިނަ މީހުންނަކީ އެމެރިކާ ރައްޔިތުންގެ އިތުރުން އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާގެ އޭޝިއާއަށް ނިސްބަތްވާ ސަޕޯޓަރުންނެވެ.

އިލަންއަކީ ފާޅުގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ތާއީދުކުރާ މީހަކަށްވާއިރު ޓްރަމްޕްއަކީ އޭޝިއާގައި އެހާ މަގުބޫލު ޝަހުސިއްޔަތެއް ނޫނެވެ. އެހެން ކަމުން ޕްރިޔަންކާއާއި ނިކްގެ ސަޕޯޓަރުންގެ ގިނަ ބަޔަކު އަންނަނީ ފިރިމީހާގެ އަމަލުތައް ކޮންޓްރޯލް ކުރަން ޕްރިޔަންކާއަށް ވެސް ގޮވާލަމުންނެވެ.