ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔެއީ ރާއްޖެ ވަޑައިގެންފި އެވެ.
އަމިއްލަ ދަތުރުފުޅެއްގައި ވާންގް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިރޭގެ ވަގުތެއްގައި އޭނާ ޗައިނާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ މިއަދު ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުން ބޭއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެގޮތުން ސޯޝަލް ހައުސިން އާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތައްކަން ފާހަގަ ކުރައްވައި، އެކަން ހައްލު ކުރުމަށް ޗައިނާގެ އެހީތެރި ކަމަށް ރައީސް އެދިވަޑައިގަތެވެ.
މީގެއިތުރުން، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ވާންގް ވަނީ ރައީސް މުއިއްޒަށް ދެއްވައިފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ މިދިޔަ ހަފްތާގައި އިންޑިއާއަށް ޒިޔާރަތް ކުރައްވައިފަ އެވެ. ޗައިނާ އާއި އިންޑިއާ އަކީ ވާދަވެރި ދެ ބާރުގެ ގޮތުގައި ފާހަގަކުރެވޭ ދެ ގައުމެވެ.