ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ހުތުރު އެއްޗިހި ކިޔާފައިވާ އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު ރަޝީދު (ދޮންކޮޅު) ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފި އެވެ.

ގދ. ތިނަދުއަށް އުފަން ދޮންކޮޅު ޕީއެންސީއަށް ސޮއިކުރީ މުލީއާގޭގައި މިރޭގެ ވަގުތެއްގަ އެވެ. އޭނާ ޕީއެންސީއަށް ސޮއިކުރުުމުގެ ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ ވެސް ބައިވެރިވެވަޑައިގަތެވެ.

ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އަނބުރާ އެމްޑީޕީއާ ގުޅުމުން އޭނާ ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ. އެގޮތުން އެކްސްގައި ދޮންކޮޅު ބުނީ ޑިމޮކްރެޓްސްގެ ބޭފުޅުން އެމްޑީޕީއާ ގުޅޭނަމަ، އޭނާއަށް ވެސް ޕީއެންސީއަށް ސޮއިކުރެވޭނެ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި އާރްޑީސީގެ ވަޒީފާގައި ހުއްޓައި ދޮންކޮޅު ވަޒީފާއިން ވަކިކޮށްލީ މި ސަރުކާރުންނެވެ.

އޭނާ ވަނީ މީގެ ކުރިން ރައީސް މުއިއްޒަށާއި ސަރުކާރަށް ފާޑުކިޔައި އެކްސްގައި އެތައް ޕޯސްޓްތަކެއް ކޮށްފަ އެވެ. އެގޮތުން ވޭޕާއި އީ ސިނގިރޭޓް ރާއްޖޭގައި މަނާކުރިއިރު، ސިނގިރޭޓް މަނާނުކުރީ ސިނގިރޭޓް ވިއްކާ މީހުންގެ އަތުން ރައީސް މުއިއްޒު ރިޝްވަތު ނަގައިގެން ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ. އަދި ޕީއެންސީގެ ގިނަ މެމްބަރުންނާއި ރައީސް މުއިއްޒަކީ ވަގެއް ކަމަށް ބުނެ އެތައް ޓުވީޓެއް ވެސް ކޮށްފައިވެ އެވެ.

ސަރުކާރަށާއި ރައީސް މުއިއްޒަށް ހުތުރު އެއްޗެހި ގޮވިއަސް ދޮންކޮޅު އައީ މަޖްލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ވަރަށް ގާތް ގުޅުމެެއް ބާއްވަމުންނެވެ.

ފައިސާދީގެން އެމްޑީޕީގެ އެކްޓިވިސްޓުން ގަންނަން ޕީއެންސީން މަސައްކަތްކުރާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަދެކެވެމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު (ޗާލީ ތުއްތު) ބުނީ ބަރުދަނަށް ރަން އަޅާފަ ދިނަސް ނުވިކޭނެ ކަމަށެވެ. އަދި އޭނާ އަކީ ގުޑާނެ މީހެއް ނޫން ކަމަށާއި ދެމިހުންނާނީ އެމްޑީޕީއާއެކު ކަމަށް އޭނާ ބުންޏެވެ.