މިއަހަރުގެ އޮސްކާ އެކަޑަމީ އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނޮމިނޭޝަންތައް އިއުލާން ކުރުން ދެވަނަ ފަހަރަށް ފަސްކޮށް އޮންލައިން އިވެންޓަކަށް ބަދަލު ކޮށްފި އެވެ.
މިއަންނަ ހުކުރު ދުވަހު މެންދުރުގެ ކެއުމަކާއެކު ބާއްވަން އޮތް ނޮމިނޭޝަންތައް އިއުލާން ކުރުމުގެ ހަފްލާ ފަސް ކުރަން ޖެހުނީ ލޮސް އެންޖެލަސްގައި މިހާރު ރޯވެފައިވާ އަލިފާންތަކުގެ ސަބަބުންނެވެ.
އޮސްކާ އެވޯޑްސް އިންތިޒާމުކުރާ އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ ސީއީއޯ ބިލް ކްރޭމާ ވިދާޅުވީ ހޮލީވުޑްގެ ގިނަ ތަރިންތަކަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ މި ދަނޑިވަޅުގައި އެފަދަ ކުލަގަދަ ހަފްލާއެއް ބޭއްވުން ރަނގަޅު ނޫން ކަމަށެވެ.
އެހެން ކަމުން އެ ހަފްލާ ކެންސަލް ކޮށް ދެން އޮސްކާގެ ނޮމިނޭޝަންތައް އިއުލާން ކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބާއްވާ ވާޗުއަލް އިވެންޓެއްގަ އެވެ.
ނޮމިނޭޝަންތައް އިއުލާން ކުރުމުގެ ހަފްލާ ކެންސަލް ކުރެވުނު ނަމަވެސް އޮސްކާގެ ގާލާ ނައިޓް ކުރިންވެސް ރޭވިފައިވާ ގޮތަށް މާޗު މަހުގެ ދެވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ލޮސް އެންޖެލަސްގެ އަލިފާނުގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ގެދޮރު އަނދާ އަޅިއަށް ވެފައިވާއިރު އެ އަލިފާންތަކުގެ ސަބަބުން ހޮލީވުޑަށް ގިނަ އަސަރުތަކެއް ކޮށްފައިވެ އެވެ.