ލޮސް އެންޖެލަސްއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކުއްލި ހާލަތުގައި ވެސް ޕްރައިވެޓް ޖެޓް ބޭނުން ކުރުމުން ހޮލީވުޑްގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯއަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.

ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންތަކުގެ ސަބަބުން ލިއޮނާޑޯގެ ގެ ހުންނަ ސަރަހައްދަށް އިވެކުއޭޝަން ނޯޓިސް (ސަރަހައްދު ދޫކޮށް ދިއުމުގެ އިންޒާރު) ނެރުމުން ލިއޮނާޑޯއާއި އޭނާގެ ލޯބިވެރިޔާ ވިޓޯރިއާ ސެރެޓީ ވަނީ އެ ސަރަހައްދު ދޫކޮށް މެކްސިކޯއަށް ގޮސްފަ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް ފާހަގަވި ކަމަކީ އެ ފަދަ ހާލަތެއްގައި ވެސް އާދައިގެ ގޮތަކަށް ކަންތައް ކުރުމުގެ ބަދަލުގައި އެ ދެމީހުން ޕްރައިވެޓް ޖެޓެއްގައި އެ ސަރަހައްދު ދޫކޮށް ދިއުމެވެ.

އެހެން ކަމުން ނުރައްކާތެރި ހާލަތެއްގައި ވެސް ލިއޮނާޑޯ ބޭނުންވަނީ އެންމެ މޮޅު ގޮތަށް ކަންތައް ކުރަން ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އެގޮތުން އެއީ އެ އަލިފާނުގައި ހާލުގައި ޖެހި ދަތުރު ފަތުރު ކުރެވޭނެ ގޮތެއް ނެތިފައި ތިބި އެތައް ބަޔަކަށް ފުރައްސާރަ ކުރުން ފަދަ އަމަލެއް ކަމަށް އެމީހުން ބުނެ އެވެ.

އެއާއެކު އަލިފާން ރޯވެފައިވާ ދަނޑިވަޅެއްގައި އެފަދަ އުޅަނދަކުން ޖައްވަށް ބޭރުކުރާ ގޭސްތަކުން ވެސް ތިމާވެށްޓަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ވެސް މީހުން ފާޑުކިޔަމުންދެ އެވެ.

ލޮސް އެންޖެލަސް އަލިފާނުގެ ސަބަބުން ލިއޮނާޑޯގެ އިތުރުން ވެސް ހޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފަ އެވެ.