ރާއްޖޭގައި މަތީ ފަންތީގެ ފަސް ރިސޯޓު ހިންގާ ސްރީލަންކާގެ މަހުޖަނު ހެރީ ޖަޔަވަރުދަނާ އަވަހާރަވެއްޖެ އެވެ.
އަދާރަން ރިސޯޓްސްގެ ނަމުގައި ރާއްޖޭގައި ރިސޯޓް ހިންގާ ޖަޔަވަރްދަނާ އުމުރުފުޅުން 82 އަހަރުގައި އަވަހާރަވީ އިއްޔެ އެވެ.
ސްރީލަންކާގެ އެއިޓްކެން ސްޕެންސްގެ ނަމުގައި ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ކުންފުނީގެ ޗެއާމަން ޖަޔަވަރްދަނާ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފެށީ 1993 ވަނަ އަހަރު އއ. އަތޮޅުގައި އޮންނަ ބަތަލާ ރިސޯޓުންނެވެ. ނަމަވެސް އެ ކުންފުނިން ފަހުން ވަނީ އެ ރިސޯޓު ދޫކޮށްލައިފަ އެވެ.
އަދާރަން ރިސޯޓުން އޭގެ ފަހުން ވަނީ މާލެ އަތޮޅުގައި އޮންނަ ވާދޫ ގަނެ، އަދާރަން ޕްރެސްޓީޖް ވާދޫގެ ނަމަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން އެ ކުންފުނިން އަންނަނީ މާލެ އަތޮޅުގައި އޮންނަ ޅޮހިފުށި ރިސޯޓާއި ކްލަބް ރަންނާޅި އާއި ރ. މީދުއްޕަރު ރިސޯޓާއި ރ. އަތޮޅުގައި އޮންނަ ހެރިޓެންސް އާރަށް ހިންގަމުންނެވެ.
ޖަޔަވަރްދަނާގެ އެއިޓްކެން ސްޕެންސް އިން ރާއްޖޭގެ އިތުރުން ލަންކާ އާއި އިންޑިއާ އޮމާންގައި ގިނަ އަދަދެއްގެ ހޮޓާ ހިންގަމުންނެވެ.
ޖަޔަވަރްދަނާ ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެއިޓްކެން ސްޕެންސްގެ އިތުރުން މެލްސްޓެކޯޕް އަދި ޑިސްޓިލަރީސް ކޯޕަރޭޝަން އޮފް ސްރީލަންކާ ހިމެނެ އެވެ.
އެގައުމުގެ އެންމެ މުއްސަނދި އެއް ބޭފުޅާގެ ގޮތުގައި މަޝްހޫރުވެފައިވާ ޖަޔަވަރްދަނާ ވަނީ ސްރީލަންކާގެ ކޯޕަރޭޓް ލޭންޑްސްކޭޕް ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.