މާލޭގައި މި ފަހުން ސިލްސިލާ މާރާމާރީތައް ހިންގަމުންދާ މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ހައްޔަރަށް ގެންދިއަ އެ އެންމެންނަކީ ވެސް މާރާމާރީ ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުން ހާމަވާގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ މީހަކާ، 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 7 ދުވަސް ޖަހާފަ އެވެ.

ހައްޔަރުކުރި މީހުން މާރާމާރީ ހިންގަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ކަމަށާއި، އޭގެ ސަބަބުން ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު ފުލުހުން ފާހަގަކޮށްފައިވާކަން ކޯޓު އަމުރުން އެނގެ އެވެ.

މި ފަހުން ސިލްސިލާކޮށް ހިންގާ މާރާމާރީއާ ގުޅިގެން މާލޭގެ ގޭންގެއްގެ އިސް މީހަކު މެލޭޝިޔާއިން އައި ތަނުން އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.