ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ވަޒީފާ އަދާ ކުރަން ޖެހުމަކީ ރޯދަ ދޫކޮށްލަންޖެހޭ އުޒުރެއް ނޫން ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު އަދުނާން ޚާން ބުނެފި އެވެ.

މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަދްނާން ބުނީ ބަނޑުހައި ހޫނުކަމަކީ ނިޔަތް ސާފުނަމަ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެކަމުން ލިބޭ ރޫހާނީ ހިތްހަމަޖެހުން މާ ބޮޑު ކަމަށެވެ.

"ހެޔޮ ނިޔަތުގައި ރޯދައަށް ހުންނަ ރޯދަވެރިޔާއަށް ބަނޑުހައި ހޫނުކަމުގެ އެއްވެސް އިހުސާސެއް ނުކުރެވޭނެ" އަދްނާން ބުނެފައިވެ އެވެ.

އަދްނާން އިތުރަށް ބުނީ ރަމަޟާން މަހަކީ އޭނާއަށް އިޖުތިމާއީ ގުޅުންތައް ބަދަހި ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން އާއިލާއާއި ރަހުމަތްތެރިންނަށް ރޯދަ ވީއްލުންތައް ދޭން އޭނާ ލޯބިކުރާ ކަމަށް އަދްނާން ބުންޏެވެ.

އެހެން ނަމަވެސް މި ރޯދަ މަހު އަދްނާން އުޅެނީ އޭނާގެ ޝޯގެ ޝޫޓިންގައި ކަމަށްވުމުން އެކަން ކުރަން ވަގުތު ނެތް ކަމަށާއި އޭނާގެ ރޯދަ ވީއްލުމަކީ ވަރަށް އާދައިގެ ރޯދަ ވީއްލުމެއް ކަމަށް ވެސް އަދްނާން ފާހަގަކުރި އެވެ.

އުމުރުން 36 އަހަރުގެ އަދްނާން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ ޒީޓީވީއިން ދުރަށް ދެއްކި "އިޝްގް ސުބްހާނަﷲ" އިންނެވެ.