މި އަހަރުގެ ރަމަޟާން މަސް ނިމި ފިތުރު އީދު ދުވަސް ކުރިމަތިވިއިރު ދިވެހި ރާއްޖޭގެ ސަރުކާރުން ވަނީ މި އީދު ވެސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފަ އެވެ.
އެގޮތުން އެންމެ ފާހަގަ ކުރެވުނު ކަމަކީ އީދާ ގުޅުވައިގެން ރާއްޖޭގެ ގިނަ ރަށްރަށުގައި ރޭ ދިއްލާލެވުނު ކުލަގަދަ ދިއްލުންތަކެވެ. މާލެއާއި ރަށްތަކުގެ މަލަމަތި އިތުރަށް ފުރިހަމަ ކޮށްދިން ބޮކިތަކެވެ.
އީދާ ގުޅުވައިގެން ރާއްޖޭގެ ރަށްރަށުގައި ދިއްލުންތައް ދިއްލާތާ އަހަރުތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އެކަމުން މުޅި ރާއްޖޭގެ ކުދިބޮޑު އެންމެންނަށް ލިބޭ ހިތްހަމަޖެހުމަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.
ފިތުރު އީދުގެ އިރު އޮއްސުމާއެކު ދިއްލާލެވޭ އެ ބޮކިތަކުން ހިތްތަކަށް އާ ދިރުމެއް ލިއްބައިދެ އެވެ. އީދުގެ ރޫހު ދިރުވައި އުފާވެރިކަން ގެނެސްދެ އެވެ.
"ކޮއްކޮމެން ވަރަށް އުފާވޭ މިހެން ލައިޓްސް ލީމަ. ވަރަށް ރީތި" ރޭގެ ދިއްލުންތަކަށްފަހު ވާހަކަ ދެއްކި ތުއްތު ކުއްޖަކު "ހުރިހާ"އާ ހިއްސާކުރި އެވެ.
އެ ތުއްތު ކުއްޖާގެ މަންމަ ބުނީ އީދުގެ ދިއްލުންތަކަކީ އޭނާގެ ދަރިން އަބަދުވެސް އިންތިޒާރުކުރާ ކަމެއް ކަމަށާއި އެއީ އީދުގެ އިހުސާސް ގެނުވާ ކަމެއް ކަމަށެވެ.
ކޮންމެއަކަސް އީދުގެ ދިއްލުންތަކުން މުޅި ރާއްޖެ ދިއްލާލައިފި އެވެ. އީދުގެ ކުލަތަކުން ހިތްތަކަށް އުފާވެރިކަން ގެނުވައިފި އެވެ. އެ ދިއްލުންތަކަކީ ދިވެހިންގެ އީދުގެ ހިއްސާއަކަށް ވެއްޖެ އެވެ.